އިންސާނީ ދަރިފަސްކޮޅުގެ 2 ބައިކުޅަ 1 ބައި ހާ މީހުން ދިރިއުޅެމުން ދަނީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ އިންތިހާއަށް ނުރައްކާ ބޮޑު ފައްތަރެއްގައި ކަމަށް، އދގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

ގުޓެރޭޒް މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުން ދާ މި އަހަރުގެ، ދުނިޔޭގެ ތިމާވެށީގެ ދުވަހަށް ހާއްސަ ކުރައްވައިގެން ދެއްވި ބަޔާނުގައެވެ.

މި މޭރުމުން ބަޔާން ކުރިއަށް ގެންދަވަމުން ގުޓެރޭޒް ވިދާޅުވީ، އިންސާނީ ދަރިފަސްކޮޅުގެ 2 ބައިކުޅަ 1 ބައި ހާ މީހުން ދިރިއުޅެމުން ދަނީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ އިންތިހާއަށް ނުރައްކާ ބޮޑު ފައްތަރެއްގައި ކަމަށް ވާ އިރު، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ތެރޭގައި ހިމެނޭ އާދަޔާ ހިލާފަށް ހޫނު ގަދަވުމާއި، ފެންބޮޑުވުމާއި، ހަނަފަސް ކަމުގެ ސަބަބުން މި ދުނިޔެއާއި ވަކިވާންޖެހުމުގެ ނުރައްކާ 15 ގިނަ ބޮޑު ކަމަށެވެ.

މޫސުމީ ގޮތުން ކުރިމަތިލާން ޖެހޭ ނޭދެވޭ ބަދަލުތަކުގެ ސަބަބުން، 2050 ވަނަ އަހަރު އަންނަ އިރު، ކޮންމެ އަހަރަކުވެސް 200 މިލިއަނެއްހާ މީހުންގެ ގެދޮރު ގެއްލިގެން ހިނގައިދާނެ ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ.

މީގެ ބައި ގަރުނު ކުރިން، ދުނިޔޭގެ ލީޑަރުން އެއް ތަނަކަށް ޖަމާވެވަޑައިގެން، ދުނިޔެ ހިމާޔަތް ކުރުމަށް އަހުދުތަކެއް ވެވަޑައިގެންނެވި ކަމަށާ، ނަމަވެސް އެކަން ކާމިޔާބު ހަގީގަކަށް ހެދުން އޮތީ އަދިވެސް ވަރަށް ދުރުގައި ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ. އިންޒާރުގެ ރަނގަބީލަށް ބީރު ކަންފަތެއް ދީގެން ތިބެވެން ނެތް ކަމަށާ، ކޮންމެ ދުވަހަކުވެސް އެ ރަނގަބީލުގެ އަޑު ދަނީ ގަދަ ވަމުން ކަމަށްވެސް ގުޓެރޭޒް ވަނީ ސިފަ ކުރައްވާފައެވެ.

މޫސުމީ ނެދެވޭ ބަދަލުތަކާ ދެކޮޅަށް މިހާރުން މިހާރަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްޓަކާ އެކަން އިސްކޮށް، ދެމެހެއްޓެނިވި ކުރިއެރުން ކަށަވަރު ކުރުމަށްޓަކާ ސިޔާސީ ފެންވަރުގައި ތިމާވެށި ރައްކާތެރި ކުރުމަށް އަހައްމިއްޔަތު ކަން ދިނުމަށްވެސް ގުޓެރޭޒް ވަނީ ގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލައްވާފައެވެ. އަދި އިޔާދަ ކުރަނިވި ހަކަތައިގެ ކަންކަން އިސް ކުރުމުގައި ސަބްސިޑީޒްއަށް ބަދަލު ގެނެސް، އިންވެސްޓްމަންޓް 3 ގުނަ އިތުރު ކުރުމަށްވެސް ގުޓެރޭޒް ވަނީ ގޮވާލައްވާފައެވެ.

ތާއީދު ކުރާ ސިޔާސަތުތަކާއި، ކާބޯތަކެތީގެ އިތުރުން ދަތުރުފަތުރުކޮށް އުޅޭ ގޮތާއި އެއްބާރުލުން ދޭ ކުންފުނިތަކަށް ބަލާއިރު، ވޯޓަރުންނާ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައިސިއްޔަތުން އާންމުންނަށް ކުރެވޭނެ ކަންކަން އެބަހުރި ކަމަށްވެސް ގުޓެރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ. ކަންކަން ނިންމުމުގައި ހުރިހާ އެންމެންވެސް، ތިމާވެއްޓާ ރައްޓެހި ގޮތް އިހުތިޔާރު ކުރާ ނަމަ، ބޭނުން ޖެހިފައި ވާ ބަދަލު ފެންނާނެ ކަމަށްވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.

ތިމާވެއްޓާ ބެހޭ އދގެ މަޝްރޫއު (ޔުނެޕް) އިސްވެ އޮވެ، 1973 ވަނަ އަހަރުން ފަށައިގެން ކޮންމެ އަހަރެއްގެވެސް ޖޫން 5 ވަނަ ދުވަސް ފާހަގަ ކުރަނީ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައެވެ.