3 މަހެއްހާ ދުވަހުގެ މަޑުޖެހުމަކަށް ފަހު އިންޑިއާއިން އަނެއްކާވެސް ގިނަ އަދަދަކަށް ކޮރޯނަވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތަކެއް ރިޕޯޓް ކޮށްފިއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު އާންމު ކޮށްފައި ވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން 4000 އާށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު އިންޑިއާއިން ފެނުނު ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ، 43168585 އަށް އަރާފައެވެ.

24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި 4041 ކޭހާއެކު، އެކްޓިވް ކޭހުގެ އަދަދު 21177 އަށް އަރާފައި ވާ ކަމަށާ، ރިކަވަރީ ރޭޓް ހުރީ 98.74 ޕަސެންޓްގައި ކަމަށްވެސް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 24 ގަޑިއިރުގެ ތެރޭގައި ރިޕޯޓް ކުރި، މަރުގެ 10 ކޭހާއެކު، އެ ގައުމުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 524651 އަށް އަރާފައެވެ.

ފާއިތުވީ 4 ދުވަހަށް ބަލާއިރު، މަހާރާޝްތުރާއިން ޕޮޒިޓިވް ކޭސް ރެކޯޑް ކުރާ މިންވަރު އުޅެނީ 1000 އިން މަތީގައެވެ.

އިންޑިއާގައި ކުއްލި ގޮތަކަށް ކޮވިޑް އިތުރުވާން ފަށާފައި ވާ ސަބަބެއް އަދި ކަށަވަރެއް ނުވެއެވެ.

ގައުމީ ފެންވަރުގައި ވެކްސިން ކެމްޕޭނެއްވެސް އިންޑިއާގައި ހިންގާ އިރު، މިހާތަނަށް 19 ބިލިއަނަށް ވުރެ ގިނަ ޑޯޒްގެ ވެކްސިން، ކެމްޕޭން ތެރެއިން ޖަހާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ދަނޑިވަޅަކީ އާ ދައުރެއްގެ އިންތިހާބު ބޯ މަތިވަމުން އަންނަ ދުވަސްވަރަކަށް ވާ އިރު، އިންޑިއާގެ އަދުގެ ސަރުކާރުން ދަނީ، ކޮވިޑް-19ގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން ވެކްސިން ޖެހުމަށް ފަހު، ދޫކުރާ ސެޓްފިކެޓް ނުވަތަ ރަސްމީ ލިޔުމުގައި މޯދީގެ ފޮޓޯ ބޭނުން ކުރަމުންދާ ދިއުމަށް، ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.