ނޭނގި ސިޔާސީ ޕާޓީއަކަށް ވައްދާފައިވާނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލައިފި ހުޅުވާލައިފިއެވެ.

އީސީން ރޭ ކުރި ޓްވީޓެއްގައި ބުނީ، ޕާޓީއެއްގެ މެންބަރު ކަމަށް ގަވާއިދާ ހިލާފަށް ރަޖިސްޓަރީ ކޮށްފައިވާނަމަ އެކަމުގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވަ ކަމަށެވެ.

އަދި އެފަދަ ކޮންމެ ޝަކުވާއެއް ބެލުމަށްފަހު އެކަންކުރި ފަރާތަކާމެދު އެއްވެސް އިސްތިސްނާއެއްނެތި ގާނޫނީ ފިޔަވަޅު އެޅުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް އީސީން ބުނެއެވެ.

އީސީން މިހެން ނިންމާފައިވަނީ ސިޔާސީ ޕާޓީތަކުން މީހުން ވަގަށް ވައްދާ މައްސަލަތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެމައްސަލާގައި އީސީން ވަނީ މީހުންނަށް ނޭނގި، ސިޔާސީ ޕާޓީތަކަށް ވެއްދުމާއި، މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލު ކުރަމުންދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އިތުރު ފިޔަވަޅުތައް އެޅުމާ މެދު މަޝްވަރާ ކުރެވެމުން ދާ ބުނެފައެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ނަންތައް ހާމަ ކުރުމުގެ އިތުރުން، އެ ފޯމުތަކުގައިވާ މީހުންގެ މައުލޫމާތު ސައްހަތޯ ބެލުމަށްޓަކައި އެހެނިހެން މަސައްކަތްތައްވެސް އެ ކޮމިޝަނުން ކުރަމުން އެބަ ދެއެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތަކުން ހުށަހަޅާ ވަގު ފޯމްތައް މަދުކުރުމަށްޓަކައި، ފޯމަކަށް 10،000ރ ގެ ރޭޓުން ޖޫރިމަނާ ކުރަން ވެސް އީސީން ވަނީ ނިންްމާފައެވެ.