ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ހިދުމަތް ކުރިއަދި މިހާރު ހިދުމަތް ކުރަމުންދާ މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މިކަމާ ގުޅިގެން ބާއްވާ ހަފްލާ އޮންނާނީ، މިރޭ 8.30 ގައި ސޯޝަލް ސެންޓަރުގައި ކަމަށެވެ. މިރޭގެ ހަފްލާގައި، 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރައީސް އޮފީހުގެ ދާއިމީ ވަޒީފާގައި ހިދުމަތް ކުރި ފަރާތްތަކަށް ހަނދާނީ ފިލާ އަރުވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހަށް ދިގު މުއްދަތަކަށް ހިދުމަތް ކުރި ފަރާތްތަކުގެ ހިދުމަތުގެ އަގު، މީގެކުރިން ރަސްމީ ސިފައެއްގައި ވަޒަންކުރެވިފައެއް ނެތެވެ. އެހެން ނަމަވެސް، ނޮވެންބަރު 11، 1968 ގައި އެ އޮފީސް ރަސްމީކޮށް އުފެދުނު ހިސާބުން ފެށިގެން އެ އޮފީހަށް ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު އެތައް ފަރާތެއް ހިދުމަތްކޮށްފައިވާއިރު، އެ ފަރާތްތަކުގެ ހިދުމަތުގެ އަގު ވަޒަންކުރުމަކީ، ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށް ރައީސް ދެކެވަޑައިގަންނަވާތީ، މިފަދަ ފިލައެއް އެރުވުމަށް ނިންމެވީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ މިރޭގެ ހަފްލާގައި، ރައީސް އޮފީހަށް ދިގުު މުއްދަތަކަށް ހިދުމަތްކުރި 126 ފަރާތަކަށް ހަނދާނީ ފިލާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ފަރާތްތަކުގެ ތެރެއިން މި ދުނިޔެ ދޫކުރި 20 ފަރާތަކަށް ފިލާ އަރުވަން ހަމަޖެހިފައިވަނީ އެފަރާތްތަކުގެ ހަނދާނަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.