އާންމުންގެ ތެރެއިން މިއަހަރު ހައްޖަށް ދާން އެދުނު މީހުންގެ މެދުގައި އަންނަ ހޯމަ ދުވަހު ގުރު ނަގަން ނިންމައިފިއެވެ.

މިއަހަރު ރާއްޖޭން ހައްޖަށް ގެންދަން ސައުދީ ސަރުކާރުން ދޫކޮށްފައިވަނީ 453 މީހުންގެ ކޯޓާއެކެވެ. އޭގެ ތެރެއިން އާންމުންނަށް 100 ޖާގަ ހާއްސަކޮށްފައިވާއިރު، އެކަމަށް އެދި މިރޭ އިރުއޮއްސި 6 ގެ ކުރިން ފޯމުތައް ހުށަހެޅުމުގެ ފުރުސަތު އެބަ އޮތެވެ.

އެގޮތަށް ހުށަހަޅާ ފޯމްތައް އިސްލާމީ މަރުކަޒުން ބަލައިގަންނާނެއެވެ. އަދި ހައްޖު ކޯޕަރޭޝަންގެ އީމެއިލް މެދުވެރިކޮށް ވެސް ފޯމް ހުށަހެޅޭނެއެވެ. އެ މުއްދަތުގައި ހުށަހަޅާ މީހުންގެ މެދުގައި ގުރު ނެގުން އަންނަ ހޯމަ ދުވަހު އޮންނައިރު، ދައުލަތުގެ މީޑިއާ ޕީއެސްއެމުން އެ ގުރު ނެގުން ވަގުތުން ގެނެސްދޭނެއެވެ.

އާންމުންނަށް ހުޅުވާލައިގެން ހައްޖަށް ދިއުމަށް އޮތް 100 ޖާގައިގައި ހައްޖަށް ދާ މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ 76،960ރ އަށެވެ. އެ ޖާގައިގެ ދަށުން ހައްޖަށް ދިއުމަށް ގުރުއަތުން ހޮވޭ ފަރާތްތަކަށް އެކަން އަންގާ ތާރީހުން ފެށިގެން ތިން ދުވަހުގެ ތެރޭ އެ ފަރާތްތަކުން ފައިސާ ދައްކައި ނިންމަން ޖެހެއެވެ.

ހައްޖު ކޯޕަރޭޝަނުން އާންމުކުރި އުސޫލުގައިވާ ގޮތުން، މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް އިސްކަން ދެވޭނީ އަލަށްވެސް ހައްޖަށް ނުދާ، ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ، އަދި 65 އަހަރުން ދަށުގެ ފަރާތްތަކަށް އެކަންޏެވެ.