ބީއެމްއެލާ އެކު ހަދާފައިވާ ތިން އަހަރު ދުވަހުގެ އެއްބަސްވުން ހަމަވުމުން، އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވަން ބޭނުންފުޅު ނުވާ ކަމަށް، އެ މަގާމުގައި މިހާރު ހުންނެވި ޓިމް ސޯޔާ ވިދާޅުވެއްޖެއެވެ.

ބޭންކުގެ މުވައްޒަފުންނަށް ފޮނުއްވި ލިޔުމެއްގައި އޭނާ ވިދާޅުވީ، އެ އެއްބަސްވުން އާ ނުކުރައްވަން ޑިރެކްޓަރުންގެ ބޯޑާއެކު ވެސް މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ. ނަމަވެސް، އަންނަ މަހު އެ އެއްބަސްވުން ހަމަވަންދެން ދެމި ހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓިމް ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު ބޭންކުން ދަތި ދުވަސްތަކެއް ދެކިފައިވެއެވެ. އޭނާ ވިދާޅުވީ، ބޭންކުގައި ހޭދަކުރެއްވި ދުވަސްތަކަކީ އުފާވެރި ދުވަސްތަކެއް ކަމަށާއި، ބޭންކާއި މުވައްޒަފުން ހޯދި ކާމިޔާބީތަކާ މެދު ފަހުރުވެރިވާ ކަމަށެވެ.

"ހާއްސަކޮށް ކޮވިޑްއާ އެކު ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވި. ނަމަވެސް އެ ދަތިތަކުން އަރައިގަނެ މިއަދު ބޭންކު މިއޮތީ ކުރިމަގުގައި ވެސް ކާމިޔާބު ހޯދޭނެ ވަރަށް ވެސް ރަނގަޅު ހާލަތެއްގައި." ޓިމް ވިދާޅުވިއެވެ.

"އަދި ބޭންކާ އެކު އަޅުގަނޑު ހޭދަކުރި މުއްދަތަކީ އަޅުގަނޑަށް ވެސް އުފާވެރި ދުވަސްތަކެއް."

މިދިޔަ އަހަރު ބީއެމްއެލުން ވަނީ ސާފު ފައިދާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ހޯދައިފައެވެ. އަދި ޕްރޮފިޓް ޓެކުހުގެ ގޮތުގައި 543 މިލިއަން ރުފިޔާ ސަރުކާރަށް ދީފައިވާއިރު، ޑިވިޑެންޑުގެ ގޮތުގައި 131 މިލިއަން ރުފިޔާ ދިނެވެ.

މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިން، 15 ޖުލައި 2019 ގައި ބީއެމްއެލާ ގުޅިވަޑައިގަތް ޓިމް ސޯޔާ އަކީ މާލީ ދާއިރާގައި 30 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ބޭރުގެ ބައެއް ކުންފުނިތަކުގައި އެގްޒެކެޓިވް އަދި ބޯޑު ލެވަލްގައި 20 އަހަރު މަސައްކަތް ކުރައްވައިފައެވެ.