އެސްޓީއޯ އިން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕޮރޭޝަން (އައިޓީއެފްސީ)އާ އެކު 2.7 ބިލިއަން ރުފިޔާ (175 މިލިއަން ޑޮލަރު) ގެ މުރާބަހާ ޓްރޭޑް ފައިނޭންސިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރީ މިސްރުގައި މިހާރު ކުރިއަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގެ އަހަރީ ބައްދަލުވުންތަކުގެ ތެރޭގައެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ހާޒިރުގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އައިޓީއެފްސީގެ ސީއީއޯ ހާނީ ސާލިމް ސޮންބޮލް އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ.

މިފެސިލިޓީގައި އެސްޓީއޯ އިން ގަންނަން ބޭނުންވާ އަސާސީ މުދަލުގެ ބާވަތްތައް އައިޓީއެފްސީން ގަނެ ވަކި ވަރެއްގެ ފައިދާއެއް ލުމަށްފަހު އެސްޓީއޯ އަށް ވިއްކާނެއެވެ. އިސްލާމިކް ފައިނޭންސިން މޮޑެލްއެއް ކަމަށްވާ މި ފެސިލިޓީގެ ދަށުން މައިގަނޑު ގޮތެއްގައި ގަންނާނީ އަސާސީ ކާބޯތަކެއްޗާއި ތެލާއި ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ސާމާނެވެ.

އައިޓީއެފްސީގެ މި ފެސިލިޓީ އަކީ މިފަހަކަށް އައިސް އެ ފަރާތުން ކޮންމެ އަހަރަކު ވެސް އެސްޓީއޯ އަށް ހަމަޖައްސައިދޭ ފެސިލިޓީއެކެވެ. މިދިޔަ އަހަރު މިފެސިލިޓީގެ ގޮތުގައި ހަމަޖައްސައިދިނީ 75 މިލިއަން ޑޮލަރެވެ.