އެސްޓީއޯ ޕީޕީލަސް ޗޮއިސް ފިހާރަތަކުން އާންމުން ހިންގާ ވިޔަފާރިތަކުން ކްރެޑިޓް ސްކީމަށް ތަކެތި ނެގޭ ގޮތް ހަދައިފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މެނޭޖަރު އަބްދުﷲ ސައީދު ވިދާޅުވީ އަމިއްލަ ވިޔަފާރިތަކުން ހިންގާ ސްޓޯލްތަކުން ކްރެޑިޓް ސްކީމްގެ ދަށުން ތަކެތި ނެގޭ ގޮތް ހެދީ އެކަމަށް ވަރަށް ގިނަ ބަޔަކު އެދެމުން އެދެމުންދާތީ ކަމަށެވެ.

މިއަދުން ފެށިގެން ހުޅުވާލި މި ފުރުސަތާއެކު، ޕީޕަލްސް ޗޮއިސްގައި ހުރި އަމިއްލަ ހަތް އައުޓްލެޓުގައި ހުރި މުދާ އެ ސްކީމުގެ ދަށުން ނެގޭނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

އެ ސްކީމަށް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތެރޭގައި ފުރާފައިވާ ކްރެޑިޓް ސްކީމް ފޯމާއި އައިޑީ ކާޑު ކޮޕީ އަދި ދާއިމީ ވަޒީފާގައި ހަ މަސް ދުވަސް ވެފައިވާކަން އަންގައިދޭ ލިޔުން (ކަސްޓަމަރު އަދި ގެރެންޓާ) ހިމެނެއެވެ.

އެސްޓީއޯއިން ބުނީ މިސްކީމަށް އެދި ފޯމް ހުށަހެޅުމުން ތިން ދުވަސް ތެރޭގައި އެޕްރޫވަލް ލިބޭނެ ކަމަށެވެ.