އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ މަގުބޫލުކަން، ރެކޯޑް މިންވަރަކަށް އުފުލިފައި ވާ ކަމަށް އެ ގައުމުގައި ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭއަކާ ހަވާލާދީ، ވިއޯއިން ރިޕޯޓް ކޮށްފިއެވެ.

ލޯކަލްސާކަލްސް އިން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭއިން ދައްކާފައި ވާ ގޮތުގައި، މޯދީގެ މަގުބޫލުކަން އިތުރުވެފައި ވާ އިރު، މިއީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެށުނު ފަހުން، މޯދީގެ މަގުބޫލުކަން އެހާ ބޮޑަށް އިތުރުވި ފުރަތަމަ ފަހަރު ކަމަށްވެސް އެ ރިޕޯޓްގައި ވެއެވެ.

ހިޔާލު ހޯދުމުގެ ސާވޭގައި ބައިވެރިވި 64000 މީހުންގެ 67 ޕަސެންޓް މީހުން ވަނީ، ގަބުރު އެންދުމުގެ މަސައްކަތް ކުރާ ތަންތަނާއި، ހޮސްޕިޓަލުތައް ފުރި "ބަންޑުން" ވަމުން ދިޔަ ދަތި ދަނޑިވަޅުގައިވެސް، މޯދީ ވައުދުތައް ފުއްދެވި ކަމަށް ގަބޫލުކުރާކަމަށް ބުނެފައެވެ.

2020 ވަނަ އަހަރު، މޯދީގެ މަގުބޫލުކަމުގެ ރޭޓިންގް ހުރީ 62 ޕަސެންޓްގައެވެ. 2021 ވަނަ އަހަރު އެ އަދަދު ވަނީ 51 ޕަސެންޓަށް ދަށަށް ގޮސްފައެވެ.

ކޮވިޑްގެ އިތުރު ރާޅަކަށް އިންޑިއާ ސަރުކާރު އޮތީ އިހުނަށް ވުރެ ބޮޑަށް ތައްޔާރުވެފައި ތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި، ސާވޭގެ ގިނަ އަދަދެއްގެ ބައިވެރިން ވަނީ އާނ ބަސް ބުނެއެވެ.

ނަމަވެސް އިންޑިއާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ވަޒީފާ ނެތުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ގަބޫލު ކުރަނީ އެންމެ 37 ޕަސެންޓް މީހުން ކަން ފާހަގަ ކުރަން ޖެހެއެވެ. ކަން އެހެން އޮތް ނަމަވެސް، 73 ޕަސެންޓް މީހުން ވަނީ، އިންޑިއާގައި އެމީހުންގެ އާއިލީ ކުރި މަގާ މެދު އުއްމީދު ބޮޑު ކަމަށް ބުނެފައެވެ.

ވިޔަފާރީގެ ނަޒަރުން ބަލާއިރު 50 ޕަސެންޓް މީހުން ވަނީ އިންޑިއާގައި ވިޔަފާރި ކުރަން މިހާރު ފަސޭހަކަމަށް ބުނެފައެވެ. އަދި މުޖުތަމައުގެ ހަމަޖެހުން ގާއިމު ކުރުމުގައި ސަރުކާރުން އެދެވޭ މަސައްކަތްތަކެއް ކުރާ ކަމަށް، 60 ޕަސެންޓް މީހުން ވަނީ ބުނެފައެވެ.

މި ރޭޓިންގްތަކަކީ 2024 ވަނަ އަހަރު، ވެރިކަމުގެ 3 ވަނަ ދައުރަކަށް ކުރިމަތިލާ މޯދީގެ ސަރުކާރަށް މުހިންމު ރޭޓިންގްތަކެކެވެ.