ދުނިޔޭގެ ބާޒާރުގައި ތަކެތި މައްޗަށް ދިޔައީ ކަމަށް ބުނެ، މިފްކޯއިން ތައްޔާރުކޮށް ވިއްކާ ދަޅު މަސް ކޭހަކުން 150 ރުފިޔާ ބޮޑުކޮށްފިއެވެ.

"ދަ ޕްރެސް" އާ ވާހަކަ ދައްކަވަމުން، މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ ވިދާޅުވީ، މަސް ދަޅުތަކަށް އަޅާ ތެލާއި ޕެކިން މެޓީރިއަލް ފަދަ ތަކެއްޗަކީ ބޭރުން ގެންނަ ތަކެތި ކަމަށާއި، މަސް ދަޅުގެ އަގުތައް މަތިކުރަން ޖެހުނީ އެ ތަކެތީގެ އަގުތައް އުފުލުމުން ކަމަށެވެ. މަސް ބަންދު ކުރަން ބޭނުން ކުރާ ތަކެތި އޮންލައިން އެކި ޕްލެޓްފޯމްތަކުގައި އަގުތަކާއެކު ފެންނަން އެބަހުއްޓެވެ.

އޭގެ އިތުރުން، ރަޝިއާ އާއި ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތައް އުފުލިގެން ދިއުމާއި، މިފްކޯގެ ކާރުހާނާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ބަދަލުތައް އައުމާއި، މަސްވެރިން ބާނާ މަސް ގަންނަ އަގަށް ބަދަލު އައުން ވެސް، މަސް ދަޅުތަކުގެ އަގުތައް އުފުލެން ދިމާވި ސަބަބުތަކުގެ ތެރޭގައި އޭނާ ފާހަގަ ކުރެއްވިއެވެ.

"މިހެން ގޮސް ހުރިހާ އެއްޗެއް މަތިވެއްޖެ. އެހެންވެ މަތި ކުރަން ޖެހުނީ."
ފައުޒީ

އަގުތައް އުފުލިގެން ދިޔަ ނަމަވެސް، މިފްކޯގެ މަސް ދަޅުތަކުގެ ރަހައަށް އަދި ފެންވަރަށް އެއްވެސް ބަދަލެއް ނައިސް، ހަމަ އެގޮތުގައި ކަސްޓަމަރުންނަށް މަސް ދަޅުތައް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

މިފްކޯގެ އިތުރުން، ރާއްޖޭގައި މަސް ބަންދުކުރާ އެހެން ކުންފުނިތަކުން ވިއްކާ ދަޅުމަހުގެ އަގުވެސް ވަނީ ބޮޑުވެފައެވެ.

މިފްކޯއިން ދަޅު މަހުގެ އަގަށް ގެނައި ބަދަލާ އެކު، ކުރިން 610ރ އަށް ވިއްކަމުން ދިޔަ ފަސޭހައިން ކަނޑާލެވޭ ތެޔޮ މަސް ދަޅު ކޭހެއް މިހާރު ލިބޭނީ 760ރ އަށެވެ. އަދި އާދައިގެ ތެޔޮ ދަޅު ކޭހެއް މިއަދުން ފެށިގެން ލިބެން ހުންނާނީ 740ރ އަށެވެ. އެންމެ ބޮޑަށް އުފުލިގެން ދިޔައީ ޒައިތޫނި ތެލުގައި ބަންދުކުރާ މަސް ދަޅު ކޭހުގެ އަގެވެ. ޒައިތޫނި ތެލުގައި ބަންދުކުރާ މަސް ދަޅު ކޭހެއް ކުރިން ވިއްކަމުން ދިޔައީ 750ރ އަށެވެ. ނަމަވެސް މިއަދުން ފެށިގެން އޭގެ ކޭހެއް ވިއްކަމުން ދާނީ 990ރ އަށެވެ.

މިއަދުން ފެށިގެން ކުނި އުކަން 3 ކޮތަޅު ބޭނުން ކުރަން ޖެހި ކޮތަޅުގެ އަގުތައްވެސް އުފުލޭ މިދަނޑިވަޅުގައި މިފްކޯއިން ދަޅުމަހަށް ގެނައި މި ބަދަލުން އެވަރެޖްކޮށް ތިން ރުފިޔާ ނުވަތަ ހަތަރު ރުފިޔާ ދަޅަކަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.

މިއަދުން ފެށިގެން މިފްކޯއިން ދަޅުތަކުގެ އަގު ބޮޑުކޮށްފައި ވާއިރު، އެ ކުންފުނިން އެންމެ ފުރަތަމަ ނިންމާފައި އޮތީ މިދިޔަ މާޗް މަހުން ފެށިގެން އަގުތަކަށް ބަދަލު ގެނައުމަށެވެ. ނަމަވެސް އާންމުންގެ ޑިމާންޑު ބޮޑުވެ، ރޯދަ މަހާ ގާތްވުމުން، އަގުތަށް އެއްވަރެއްގައި ހިފެހެއްޓީއެވެ.