2000 ގެ އަހަރުތަކުގައި ބޮލީވުޑް ސިނާއަތުން ގުގުމާލި ލޯބީގެ ގިނަ ލަވަތަކެއް ހުށަހަޅާދިން ކޭކޭ މަރުވެއްޖެއެވެ.

"ހުދާ ޖާނޭ"، "ޔޭ ޕަލް"، "އަޖަބް ސީ"، އަދި "ޕިޔާރް ކޭ ޕަލް" ފަދަ ލަވަތަކުން ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައި ވާ ކޭކޭ މަރުވީ، އިންޑިއާގެ ކަލްކަޓާގައި ލައިވް ޝޯއެއް ދިންތާ ކުޑަ ވަގުތު ކޮޅެއް ފަހުން، ރޭގެ ވަގުތެއްގައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޝޯ ދެމުން ދިޔައިރުވެސް ކޭކޭއަށް އުނދަގޫތަކެއް ކުރިމަތިވަމުން ދިޔައެވެ. ޝޯ ނިންމާލުމަށްފަހު އަނބުރާ ހޮޓަލަށް ގޮސް، އުނދަގޫތަކެއް ވާ ކަމުގެ ޝަކުވާ ކުރުމުން، އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް، އުމުރުން 53 އަހަރުގެ ކޭކޭ މަރުވެފައި ވާ ކަމަށް ޑޮކްޓަރުން ވަނީ ނިންމާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކޭކޭ ފޭނުން ދަނީ، އޭނާގެ އެންމެ ފަހުގެ ހުށަހެޅުމުގެ ވީޑިއޯ ބަލަމުންނެވެ.

ކޭކޭ، އޭނާގެ މިއުޒިކީ ހަޔާތް ފެށީ ޓީވީ އިޝްތިހާރުތަކުގެ ޖިންގަލްތަކަށް ލަވަ ކިޔައިދީގެންނެވެ. އިންޑިއާގެ މިއުޒިކީ ފަޒާގެ އުހުގައި ކޭކޭގެ ނަން ގުގުމަން ފެށީ އޭނާގެ އަލްބަމް "ޕަލް"އާ އެކުގައެވެ.

ހިންދީގެ އިތުރުން ޓެމިލް އަދި ޓެލޫގޫއާއި ކަންނަޑާ ފަދަ ބަހުރަވަތަކުން ލަވަތައް ހުށަހަޅާދީފައި ވާ ކޭކޭގެ އިތުރު މަސައްކަތްތަކުގެ ތެރޭގައި "ހަމް ދިލް ދޭ ޗުކޭ ސަނަމް" ގެ "ތަޅަޕު ތަޅަޕު"، "ދޭވް ދާސް" އިން "ޑޯލަ ރެ ޑޯލަ" އަދި "އޯމް ޝާންތީ އޯމް" އިން އާނކޯ މޭ ތޭރީ" ފާހަގަ ކުރެވެއެވެ.