އެނގި ހުރެ، އަމިއްލަ ސިއްހަތަށާއި އެހެން މީހުންގެ ސިއްހަތަށް ގެއްލުން ދިނުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، މިއަހަރު ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރަނީ އިންސާނީ ދަރިފަސްކޮޅު މި ބިންމަތީގައި ދެމިއޮތުމަށް ނުރައްކާކުރާ ތިމާވެށީގެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައިގެން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ދުންފަތް ބޭނުން ކުރުމުން ސިއްހީ މައްސަލަތައް ކުރިމަތިވެ، އިންސާނާގެ ފުރާނައަށް ސީދާ ގޮތުން ނުރައްކާތައް ކުރިމަތިވާ ކަމަށެވެ. ހަމަ އެއާއެކު، ދުންފަތުގެ އުފެއްދުންތައް ތައްޔާރުކުރުމުގެ މަރުހަލާތަކުގައި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން އިންސާނާގެ ފުރާނައަށް ނުރައްކާ ވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހިސާބުތައް ދައްކާ ގޮތުން:

  • ސިނގިރޭޓް އުފެއްދުމަށްޓަކައި އަހަރަކު އެވަރެޖްކޮށް 600 މިލިއަން ގަސް ކަނޑައިލާ
  • ސިނގިރޭޓް އުފައްދާ ކާރުހާނާތަކުން ކޮންމެ އަހަރަކު 84 މިލިއަން ޓަނުގެ ކާބަންޑައިއޮކްސައިޑް ދޫކުރޭ ޖައްވުގެ
  • ސިނގިރޭޓް އުފެއްދުމުގެ މަސައްކަތަށް އަހަރަކު އެވަރެޖްކޮށް 22 ބިލިއަން ޓަނުގެ ފެން ބޭނުންކުރޭ
  • ދުންފަތް ގަސް ހެއްދުމަށް އަހަރަކު 3.5 މިލިއަން ހެކްޓަރުގެ ބިމުން ގަސްތައް ކަނޑައިލާ

އޭގެ އިތުރުން، ސިނގިރޭޓް ބުއިމަށް ފަހު ބާކީވާ ފިލްޓަރުގެ 4.5 ޓްރިލިއަން އެތިކޮޅު، ރައްކާތެރި ގޮތުގައި ނައްތާނުލައި އުކައިލުމުން، އަހަރަކު އެވަރެޖްކޮށް 766 ޓަނުގެ ވިހަ ކުނި އުފެދޭ ކަމާއި، އޭގެ ސަބަބުން ބައިވަރު ވިހަ ކެމިކަލްތައް، ވަޔާއި ފެނާއި ބިންގަނޑާ އެކުވެގެންދާ ކަމަށް، އެ ހިސާބުތަކުން ދައްކާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެ ހުރިހާ ކަމަކީވެސް، މިހާރުވެސް ސަކަރާތްވެފައިވާ ތިމާވެށީގެ ހާލަތު އިތުރަށް ގޯސްވާނެ ކަންތައްތައް ކަމަށާއި، އެކަމުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އިންސާނާގެ ސިއްހަތަށާއި ފުރާނައަށް ނުރައްކާވާނެ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުން އަހަރަކު އެވަރެޖްކޮށް އަށް މިލިއަން މީހުން މަރުވެގެން ދާ ކަމަށް ވެސް ވިދާޅުވިއެވެ.

"އެ ނުރައްކާތެރި އާދަ ދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ސަބަބުން، ހަލާކުވަމުން ކަންފަތިވަމުން އެ ދަނީ، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ އަންނަން އޮތް ދަރިފަސްކޮޅުވެސް ދިރިއުޅެން އޮތް މި ނާޒުކު ވެށި، ދުންފަތުގެ ބާވަތްތައް އުފެއްދުމުގައި ހޭދަވާ ކޮންމެ މަރުހަލާއަކީ، ދުނިޔޭގެ ތިމާވެށި ހަލާކުކުރާ އަދި ޖައްވު ތަޣައްޔަރުކުރާ މަރުހަލާއެއް." ރައީސް ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ބައެއް އާލާތްތައް ކަމަށްވާ ބިޑި، ސުއްޓާ، ސިނގިރެޓް ފަދަ ތަކެތި ބުއިމުން، އެ ތަކެތި ބޭނުންކުރާ މީހުންގެ އިތުރުން، އެ ތަނެއްގައި ތިބި ކޮންމެ މީހެއްގެ ސިއްހަތަށް ގެއްލުންވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.

"ތިމާގެ އަމިއްލަ ސިއްހަތަށާއި އަނެކުންގެ ސިއްހަތަށް، އެނގިހުރެ ގެއްލުން ދިނުމަކީ އެއްވެސް ހަމައަކުން ބަލާއިރު، އެކަކުވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން. ތިމާ އާއި އަނެކުންގެ ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުންވެސް، އަދި އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތައް ދިރިއުޅުމަށްޓަކައި، ދުނިޔޭގެ ގުދުރަތީ ވެށި ރައްކާތެރިކުރުމުގެ ގޮތުންވެސް، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުބައި އާދައަށް ނޫނެކޭ ބުނުމުގެ ވަގުތު މިހާރު މިއޮތީ ޖެހިފަ."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތަށް ގެއްލުން ހުރި، ނުރައްކާތެރި އާދައެއް ކަމަށް މިއަދު އެންމެން ގަބޫލުކުރާ ކަމަށެވެ. އެފަދަ ހާލަތެއްގައި ހުންނަ މީހަކަށް ސިއްހީ އިތުރު މައްސަލައެއް މެދުވެރިވެއްޖެ ނަމަ، ފުރާނައަށް ނުރައްކާވުން ގާތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތަކުގައި އާންމުކޮށް މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުންނެވެ.