ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް (ގާނޫނު ނަންބަރު 79/31) 20 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލަކީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ. މަޖިލީހުގެ ތަޅުމުން މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ.
މި ގެނެވުނު އިސްލާހުގެ ދަށުން، ސިނގިރޭޓާއި ބިޑީގެ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުރިން ސިނގިރޭޓަކުން ނަގަމުން އައި 8 ރުފިޔާގެ ޑިއުޓީ މިހާރު ވަނީ 4 ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ 30 އިންސައްތަ ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.
މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނުރައްކާތެރި އާދައިން ދުރުވުމަށް އެހީތެރިވުމުގެ ގޮތުން، އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ސިއްހީ ވަސީލަތްތަކުން ޑިއުޓީ ކަނޑާލުމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް އަދި އެފަދަ އެހެނިހެން ބާވަތްތަކުން އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރެއްވުމާއެކު، މި އިސްލާހުތަކަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.
