ޒުވާން ޖީލުތަކަށް ދުންފަތުގެ ބާވަތްތައް ވިއްކުން މުޅިން މަނާކުރާ "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރުމާ މެދު އަޔަލެންޑްގެ ކެބިނެޓުން މަޝްވަރާކުރަން ފަށައިފިއެވެ. ދަ ޖާނަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ އެ ގައުމުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް ފަސް އިންސައްތައަށް ވުރެ ދަށްކުރުމަށް ކަނޑައަޅާފައިވާ "ޓޮބޭކޯ ފްރީ އަޔަލެންޑް ސްޓްރެޓެޖީ" ގެ ދަށުން އަޅަން ވިސްނާ ފިޔަވަޅެކެވެ.
އަޔަލެންޑްގެ ސިއްހަތާ ބެހޭ ވަޒީރު ޖެނިފާ ކެރޮލް މެކްނީލް ވިދާޅުވި ގޮތުގައި މިއީ ދުންފަތުގެ ސަބަބުން ލިބޭ ގެއްލުންތައް ނައްތާލުމަށް އަޅާ ފިޔަވަޅެކެވެ. އެ ގައުމުގައި މިހާރުވެސް އާބާދީގެ 17 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރާއިރު، މީގެ ތެރޭގައި އެންމެ ގިނައީ އުމުރުން 25 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ. ދުންފަތް ގަނެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމުގައި ކަނޑައަޅާ ގާނޫނެއް މިހާރު ފާސްކޮށްފައިވީ ނަމަވެސް، އެ ގާނޫނަށް އަމަލުކުރަން ފަށާނީ 2028 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.
ޖެނެރޭޝަނަލް ބޭން ނުވަތަ "ޖީލީ ދުންފަތް މަނާ" ކުރުމުގެ ސިޔާސަތު އެންމެ ފުރަތަމަ ފުރިހަމައަށް ތަންފީޒުކުރި ގައުމަކީ ދިވެހިރާއްޖެއެވެ. ރާއްޖޭގައި 2025 ވަނަ އަހަރުގެ ނޮވެންބަރު މަހު އަމަލުކުރަން ފެށި ގާނޫނުގެ ދަށުން، ދިވެހިންނާއި ފަތުރުވެރިންނަށް ވެސް ދުންފަތުގެ ބާވަތްތައް ގަތުމާއި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. އަދި އުމުރުފުރާ ހަމަނުވާ ކުދިންނަށް ދުންފަތް ވިއްކައިފިނަމަ 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ. ރާއްޖޭގެ އިތުރުން އިނގިރޭސިވިލާތުން ވެސް ވަނީ މިފަދަ ގާނޫނެއް ފާސްކޮށްފައެވެ. އެ ގައުމުގައި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، 2009 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުގެ ފަހުން އުފަންވި އެއްވެސް މީހަކަށް ދުންފަތް ވިއްކުމަކީ ކުށެކެވެ.
އައިރިޝް ހާޓް ފައުންޑޭޝަންގެ ޑިރެކްޓާ އޮފް އެޑްވޮކަސީ މާކް މާފީ ވިދާޅުވި ގޮތުގައި، އިނގިރޭސިވިލާތާ އެއްގޮތަށް އަޔަލެންޑުން ވެސް މި ސިޔާސަތު ތަންފީޒު ކުރުން މުހިންމެވެ. އަދި އައިރިޝް ކެންސާ ސޮސައިޓީގެ ޗީފް އެގްޒެކެޓިވް ނިކީ ގެލެގާ ފާހަގަކުރެއްވި ގޮތުގައި، އަޔަލެންޑްގައި ކޮންމެ އަހަރަކު 4،500 މީހުން ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކުގައި މަރުވެއެވެ. ނަމަވެސް، ކޮންވީނިއަންސް ސްޓޯސް އެންޑް ނިއުސްއޭޖެންޓްސް އެސޯސިއޭޝަން (ސީއެސްއެންއޭ) ގެ ޗީފް އެގްޒެކެޓިވް ވިންސެންޓް ޖެނިންގްސް ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިފަދަ މަނާކުރުމެއްގެ ސަބަބުން ކަޅު ބާޒާރުގައި ދުންފަތް ވިއްކުން އިތުރުވެދާނެ ކަމަށެވެ.
އަޔަލެންޑްގެ ރެވެނިއު އިން 2025 ވަނަ އަހަރު ހެދި ދިރާސާއަކާ ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ ގައުމުގައި މިހާރު ބޭނުންކުރާ ސިނގިރޭޓުގެ 38 އިންސައްތައަކީ ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ ތަކެއްޗެވެ. ޖެނިންގްސް ފާހަގަކުރެއްވި ގޮތުގައި އޮސްޓްރޭލިއާގައި ވެސް ދުންފަތް ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމުން، އެ ގައުމުގައި ބޭނުންކުރާ ނިކޮޓިންގެ 80 އިންސައްތައަކީ ކަޅު ބާޒާރުން ހޯދާ ތަކެއްޗަށް ވަނީ ވެފައެވެ. އެހެންކަމުން، އާ ގާނޫނެއް އެކުލަވާލާއިރު މިކަންކަމަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
