އެމެރިކާއަށް ނިސްބަތްވާ މީހަކު، އުމުރުން 78 އަހަރުގައި ހައި ސްކޫލް ޑިޕްލޮމާ ސަނަދު ހާސިލުކޮށް، ދަސްވެނިވެއްޖެއެވެ.

1962 ވަނަ އަހަރު އަހަރު ހައި ސްކޫލް ޑިޕްލޮމާ ސަނަދު ފުރިހަމަ ކޮށް، ދަސްވެނިވާން އޮތް ޓެޑް ސޭމްސްއަށް އޭރު އެކަން ނުކުރެވުނީ، ފޮތަކަށް ދައްކަން ޖެހިފައި އޮތް 4.80 ޑޮލަރުގެ ބަދަލެއްގެ ސަބަބުންނެވެ. އޭރު އެކަމާ ހިތާމަ ކުރި ސޭމްސް، 60 އަހަރު ފަހުން، ދަސްވެނިވީ ސަދާން ކެލިފޯނިއާގެ ސެން ގެބްރިއޭލް ހައި ސްކޫލުން، މިދިޔަ ހުކުރު ދުވަހުއެވެ.

60 އަހަރު ފަހުން، އުމުރުން 78 އަހަރުގައި ހައި ސްކޫލް ޑިޕްލޮމާ ފުރިހަމަ ކުރި ޓެޑް ސޭމްސް / ފޮޓޯ: ޕަސެޑޭނާ ސްޓާ ނިއުސް

1962 ވަނަ އަހަރު ހައި ސްކޫލްގައި ކިޔަވަމުން ދިޔަ ސޭމް، މައްސަލައެއްގައި ބެދި، ދިރާސީ އަހަރު ނިމެން އެންމެ 5 ދުވަހަށް ވެފައި ވަނިކޮށް ސަސްޕެންޑް ކުރިއެވެ. މުހިންމު އިމްތިހާނެއްވެސް "މިސް" ވިއެވެ. އެ ކަމުގެ ބަދަލެއްގެ ގޮތުގައި ސަމާ ކުލާހަށް ހާޒިރުވާން ޖެހުނެވެ.

އިމްތިހާނުގެ މާކްސް ހިފައިގެން ދަސްވެނިވާން ދިއުމުން ސަނަދު ދޫކުރުމަށް ސްކޫލުން ދެކޮޅު ހެދި ކަމަށާ، އެއީ ގެއްލުނު ފޮތެއްގެ ބަދަލަށް 4.80 ޑޮލަރު ދައްކަން އޮތުމުން ކަމަށް ސޭމްސް ބުންޏެވެ. އެހާ ހިސާބުން އޭނާ އެތަނުން ބޭރަށް ނިކުމެ ހިނގައިގަތީ ކަމަށާ، އަދި އެކަން މަތިން ހަނދާން ނެތުނީ ކަމަށްވެސް މީޑިއާއަށް ދިން މައުލޫމާތުގައި ބުނެފައިވެއެވެ.

އޭގެ ފަހުން ފާއިތުވީ އަހަރުތަކުގައި އެންމެ 4.80 ޑޮލަރާއެކު ސަނަދު ނުދިން ކަމުގެ ޝަކުވާ، ދަރިން ގާތުގައިވެސް ކުރި ކަމަށް ސޭމްސް ކިޔައިދީފައިވެއެވެ.

ހުކުރު ދުވަހު އޮތް ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ސޭމްސްއަށް ދީފައި ވަނީ އޭނާގެ އަސްލު ސެޓްފިކެޓެވެ. މިވީހާ ދުވަހު އެ ރައްކާކޮށްފައި އޮތީ ސްކޫލްގެ ފައިލިންގް ކެބިނެޓެއްގައެވެ. އެ ސަނަދަށް ދެން ފުރުސަތު ލިބިގެން ދާނީ ސޭމް ދިރިއުޅެމުންދާ ގޭގެ ފާރުން ކަމަށް ބެލެވެއެވެ.