ދުނިޔޭގެ އެންމެ މަތީ ފަންތީގައި ގުނާލެވޭ ޔުނިވާސިޓީތަކުން ދަސްވެނިވާ ދަރިވަރުންނަށް، އާ ސްކީމެއްގެ ދަށުން ވިސާއަށް އެދުމުގެ ފުރުސަތު، އިނގިރޭސިވިލާތުން ހުޅުވާލައިފިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ "ހައި ޕޮޓޭންޝަލް އިންޑިވިޖުއަލް" ވިސާ ރޫޓަކީ، "އެންމެ ތޫނުފިލި އަދި އެންމެ ރަނގަޅު" ދަސްވެނިން، މަސައްކަތުގެ މައިދާނަށް ނުކުމެގެން އަންނަތާ ކުރީކޮޅު، އިނގިރޭސިވިލާތަށް ޝައުގުވެރި ކުރުވާނެ ސްކީމެއް ކަމަށެވެ.

ދުނިޔޭގެ އެންމެ މަތީ ފަންތީގައި ގުނާލެވޭ ޔުނިވާސިޓީތަކުގެ ތެރެއިން، އިނގިރޭސިވިލާތަށް ނިސްބަތް ނުވާ ކޮންމެ ޔުނިވާސިޓީއަކުން ކަމުގައި ވީ ނަމަވެސް، ފާއިތުވީ 5 އަހަރު ދުވަހުގެ ތެރޭގައި ދަސްވެނިވެފައިވާ ފަރާތްތަކަށް، އެ ސްކީމުގެ ދަށުން ވިސާއަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކޮންމެ ގައުމަކަށް އުފަންވެފައި ހުރި މީހަކު ކަމުގައި ވީ ނަމަވެސް ވިސާއަށް އެދި ހުށަހެޅި ދާނެ ކަމަށާ، ވިސާއަށް އެދި ހުށަހަޅާއިރު، ވަޒީފާ ލިބުނު ކަމުގެ ލިޔުންވެސް ހުށަހަޅަން ނުޖެހޭ ގޮތަށް، އިނގިރޭސިވިލާތުން ވަނީ ހަމަޖައްސާފައެވެ.

އާ ސްކީމްގެ ދަށުން ވިސާ ކަށަވަރު ކުރާ ފަރާތްތަކުގެ ތެރެއިން، ބެޗެލާސް އަދި މާސްޓާޒް ޑިގްރީ ފުރިހަމަ ކޮށްފައި ވާ ފަރާތްތަކަށް 2 އަހަރު ދުވަހުގެ ވޯކް ވިސާ އަދި ޕީއެޗްޑީ ހޯލްޑަރުންނަށް 3 އަހަރު ދުވަހުގެ ވޯކް ވިސާ ދޫކުރުމަށް އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ. އެއަށްފަހު، ވަކި ޝަރުތުތަކެއް ހަމަ ވާ ނަމަ، ދިގު މުއްދަތުގެ ވަޒީފާ ސްކީމްތަކަށް ބަދަލުވުމުގެ ފުރުސަތު އޮވެއެވެ.

މިއީ ވަކި އަދަދެއްގެ ދަސްވެނިންނަށް ހުޅުވާލި ފުރުސަތެއް ނޫން ކަމަށްވެސް މައުލޫމާތު ލިބެއެވެ. ދުނިޔޭގެ އެންމެ ގަދަ 50 ޔުނިވާސިޓީއިން ދަސްވެނިވެފައިވާ ދަރިވަރުންނަށް ފުރުސަތު ހުޅުވާލާފައި ވާ އިރު، އެ ލިސްޓުގައި އެމެރިކާގެ 20 ޔުނިވާސިޓީއެއް ހިމެނެއެވެ. އެހެން ސަރަހައްދުތަކަށް ބަލާއިރު ޔުނިވާސިޓީ އޮފް ހޮންގްކޮންގް އަދި ޔުނިވާސިޓީ އޮފް މެލްބަން ހިމެނެއެވެ. ނަމަވެސް ދެކުނު އޭޝިއާ އާއި އެފްރިކާ ސަރަހައްދު އަދި ލެޓިން އެމެރިކާ ސަރަހައްދުގެ ޔުނިވާސިޓީއެއް ހިމަނާފައި ނުވާކަން، ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.

ހަކަތައާއި، މޫސުމީ ނޭދެވޭ ބަދަލުތަކުގެ އިތުރުން ބަލިމަޑުކަމުގެ ދާއިރާއަށް އިނގިރޭސިވިލާތުން ހާއްސަ ސަމާލުކަމެއް ދޭ އިރު، އެ ދާއިރާތަކުން ފުރިހަމަ ތަޖުރިބާއާއި އިލްމު ކިބިފައިވާ ގިނަ އަދަދެއްގެ ދަސްވެނިން، ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ތިބިކަން ފާހަގަ ކުރަން ޖެހެއެވެ.

715 ޕައުންޑުގެ އާ ސްކީމްގެ ދަށުން، އާއިލާ ގެންދިއުމުގެ ފުރުސަތުވެސް ދަސްވެނިންނަށް އޮންނަ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މެއިންޓަނަންސް ފަންޑުގެ އަގު، 1270 ޕައުންޑަށް އަރާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ޖިނާއި ކުށުގެ ރެކޯޑް ސާފުވުމުގެ އިތުރުން، އިނގިރޭސިބަހުން ވަކި ދަރަޖައަކަށް ވާހަކަދައްކާ އުޅުމުގެ ހުނަރު ހުރުމަކީވެސް ވިސާ ކަށަވަރު ކުރުމުގެ ޝަރުތެކެވެ.