ބޭރު ފައިސާގެ ރިޒާވް ހީނަރުވެ، އަވަށްޓެރި ސްރީލަންކާއަށް ތެޔޮ ލިބުން ދަތިވުމުގެ ފައިދާ، ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ނުފޫޒުގަދަ ގައުމުގެ ގޮތުގައި ސިފަ ކުރަމުން އަންނަ އިންޑިއާގެ ތިރްވަނަންތަޕޫރަމް އެއާޕޯޓް ނުވަތަ ޓްރިވެންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓަށް ކުރަން ފަށައިފިއެވެ.

ސްރީލަންކާ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ސްރީލަންކަން އެއާލައިންސްއިން ވަނީ، ދިގު ރާސްތާ ދަތުރުތަކުގައި މަތިންދާ ބޯޓުތަކަށް ތެޔޮ ރީފިލް ކުރުމާއި، ކުރޫއިން ބަދަލު ކުރުމުގެ ހަބެއް ކަމުގައި ޓްރިވެންޑްރަމް ހަމަޖައްސާފައެވެ. ނަތީޖާއެއްގެ ގޮތުން އާމްދަނީ ވަންނަނީ ތިރިވަނަންތަޕޫރަމް އެއާޕޯޓަށެވެ.

ސްރީލަންކަން އެއާލައިންސްގެ މަތިންދާ ބޯޓެއް / ފޮޓޯ: ގޫގުލް

ހުސްވި ހަފުތާ ބަންދަށް ބަލާލި ކަމުގައި ވީ ނަމަވެސް ސްރީލަންކަން އެއާލައިންސްގެ 2 ފްލައިޓެއް ތިރިވަނަންތަޕޫރަމް އެއާޕޯޓްގައި ސްޓޮޕްއޯވާ ހަދައިފިއެވެ. އެއީ ކޮޅުނބުން ޖަރުމަނުގެ ފްރޭންކްފާޓަށް ދަތުރުކުރި ފްލައިޓަކާއި އޮސްޓްރޭލިއާގެ މެލްބަންއަށް ދަތުރުކުރި ފްލައިޓެކެވެ. ގާތްގަނޑަކަށް 12 ގަޑިއެއްހާއިރަށް ދެމިގެންދާ ދިގު ރާސްތާ ދަތުރަކަށް އެންމެ މަދުވެގެން، އާންމު ގޮތެއްގައި 120 ޓަނުގެ ތެޔޮ ބޭނުންވެއެވެ. ރީފިއުލިންގް ހަރަދަށް އެކަނި ބެލި ކަމުގައި ވީ ނަމަވެސް، އެއީ 1 ކްރޯރް (10 މިލިއަން) ރުޕީޒްގެ އާމްދަނީއެކެވެ. އެއީ ގާތްގަނޑަކަށް 128,778 އެމެރިކާ ޑޮލަރެވެ.

އެއާޕޯޓްގެ މަސްދަރުތަކަކާ ހަވާލާދީ އިންޑިއާގެ ދުވަހު ނޫހެއްގައި ބުނެފައި ވާ ގޮތުން އެ ފްލައިޓްތަކަކީ ރީފިއުލިންގްގެ އިތުރުން، ކުރޫއިން ބަދަލު ކުރުމަށާއި ޓެކްނިކަލް ބައެއް ކަންކަން ހަމަޖައްސަން ޖެހުނު ފްލައިޓްތަކެކެވެ. ނަތީޖާއެއްގެ ގޮތުން ޓެކުހުގެ ގޮތުގައި އެއާޕޯޓަށް ވަންނަ އާމްދަނީވެސް އިތުރުވާ ކަމަށް އެ މަސްދަރުން ވަނީ ފާހަގަ ކޮށްފައެވެ. ސްރީލަންކަން އެއާލައިންސްގެ ގިނަ ފްލައިޓްތަކެއް އަދިވެސް ތިރިވަނަންތަޕޫރަމް އެއާޕޯޓަށް ޖައްސާނެ ކަމަށް ބެލެވޭއިރު، ތެލަށް ކުރާ ޑިމާންޑް ބޮޑުވެގެންދާނެއެވެ.

އިންޑިއާގެ ތިރިވަނަންތަޕޫރަމް އެއާޕޯޓަކީ ޕާކިންގް ޖާގަ ބޮޑު އެއާޕޯޓެއް / ފައިލް ފޮޓޯ: ލައިވް މިންޓް

ދެން އޮތީ ބޯޓު ޖެއްސުމަށް ދައްކަން ޖެހޭ (ލޭންޑިންގް) ފީއާއި ޕާކިންގް ފީގެ ވާހަކައެވެ. ސްރީލަންކާއަށް ތެލުގެ ދަތިކަން ކުރިމަތިވާން ފެށި ހިސާބުން، އެ ގައުމަށް އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދޭން ފެށި ގައުމަކީ އިންޑިއާއެވެ. ސާފު ނުކުރާ ތެޔޮ ހިފައިގެން ދަތުރު ކުރަމުން ދިޔަ ގިނަ އަދަދެއްގެ ޓޭންކަރުގެ މިސްރާބު ސްރީލަންކާއަށް ދިމާއަށް އަނބުރާލިއެވެ. އެހެންކަމުން، ބައިނަލްއަގުވާމީ ޕްރައިވެޓް ފްލައިޓްތަކާއި އެތެރޭގެ އުދުހުންތަކަށް ބޭނުންވާ ތެލުގެ ސަޕްލައި، ކޮޅުނބުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ނަމަވެސް، ސްރީލަންކަން އެއާލައިންސްއިން ބަރޯސާ ވަނީ ތިރިވަނަންތަޕޫރަމް އެއާޕޯޓަށެވެ. ފައިދާ އަނެއްކާވެސް ތިރިވަނަންތަޕޫރަމް އެއާޕޯޓަށެވެ. ތިރިވަނަންތަޕޫރަމް އެއާޕޯޓަކީ ޕާކިންގްއަށް ޖާގަ ތަނަވަސް އެއާޕޯޓެކެވެ. އެންމެ ބޮޑެތި އެއާބަސްތަކުގެ އިތުރުން ބޮއިންގް 777 މަރުކާގެ ފްލައިޓްތައްވެސް ތިރިވަނަންތަޕޫރަމް އެއާޕޯޓްގައި ޕާކު ކުރެވެއެވެ.

ތިރިވަނަންތަޕޫރަމް އެއާޕޯޓަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާއިން ސްޓޭންޑްބައިއަށް ލީ 5 އެއާޕޯޓްގެ ތެރޭގައި ހިމެނުނު އެއާޕޯޓެކެވެ. ބައިނަލްއަގުވާމީ އުދުހުންތަކުގައި އިންޑިއާއިން އޮޕަރޭޓް ކުރި ފްލައިޓްތަކަށް ތެޔޮ އެޅުމާއި ޓެކްނިކަލް ކަންކަން ފުރިހަމަ ކޮށްފައި ވަނީވެސް ތިރިވަނަންތަޕޫރަމް އެއާޕޯޓްގައެވެ.