ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިއްސާއަކަށް 65 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

އެސްޓީއޯގެ ހިއްސާއަކަށް 65 ރުފިޔާ ބަހަން ފާސްކޮށްފައި ވަނީ މިރޭ ކްރޮސްރޯޑްސްގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައެވެ.

ހިއްސާ އަކަށް 65 ރުފިޔާ ބަހަން ފާސްކުރި އެ ޖަލްސާގައި 782 މީހުން ތަމްސީލު ކޮށްފައި ވާއިރު، ބަހާ އަދަދު ފާސްވީ 99 ޕަސެންޓް ވޯޓުންނެވެ.

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 65 ރުފިޔާ ބަހަން ނިންމިއިރު މިދިޔަ 2020 ވަނަ އަހަރު ހިއްސާއަކަށް ބެހީ 60 ރުފިޔާއެވެ.

އަދި 2019 އާއި 2018 ގައި ހިއްސާއަކަށް ބެހީ 58 ރުފިޔާއެވެ.

އެސްޓީއޯ އިން އާންމު ކުރި އެ ކުންފުނީގެ އަހަރީ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު އެސްޓީއޯ ގްރޫފުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 11.24 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 32 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ.

އެސްޓީއޯ ގްރޫޕުގެ އާމްދަނީ 11 ބިލިއަންގައި ހުރި އިރު، އެ ކުންފުނީގެ އާމްދަނީ އަކީ 10.2 ބިލިއަން ރުފިޔާއެވެ. އެއާއެކު 1.5 ބިލިއަން ރުފިޔާގެ ފައިދާއެއް ވަނީ އެ ކުންފުންޏަށް ލިބިފައެވެ. އެސްޓީއޯ މުޅި ގްރޫޕުގެ ފައިދާ ނިމިދިޔަ އަހަރު ވަނީ 1.9 ބިލިއަން ރުފިޔާއަށް އަރާފައެވެ.