ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ވަފުދު އަބޫދާބީއަށް ފުރައިފިއެވެ.

މި އެކްސްޕޯ ކުރިއަށް ގެންދަނީ 30 މޭ އިން 2 ޖޫން 2022 ގެ ނިޔަލަށް ޔޫއޭއީގެ ވެރިރަށް އަބޫދާބީގައެވެ.

ބީބީއެމް އިން ބުނީ، މި އަހަރުގެ ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯއަކީ ކޮވިޑް-19 ޕެންޑެމިކަށް ފަހު ދުނިޔޭގެ ހޮސްޕިޓަލިޓީ އަދި ކަލިނަރީ އިންޑަސްޓްރީގެ ފުރަތަމަ އަދި އެންމެ ބޮޑު ބައިނަލްއަގުވާމީ ހަރަކާތެއް ކަމަށެވެ.

ވޯލްޑްޝެފްސް ކޮންގްރެސްގެ ބޭނުމަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ޝެފުން އެއްތަނަކުން ބައްދަލުވެ ގުޅުން ބަދަހިކުރުމާއި ހިޔާލު ބަދަލުކޮށް، އެކަކު އަނެކެއްގެ ފަރާތުން އާ ކަންކަން އުނގެނުމުގެ އިތުރުން އެކުގައި މަސައްކަތްކުރުމުގެ ރޫހު އާލާކުރުން ކަމަށް ބީބީއެމް އިން ބުނެއެވެ.

ބީބީއެމް އިން ބުނީ، ދިވެހިރާއްޖެ ތަމްސީލުކުރާ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ޑެލެގޭޝަންގައި ހިމެނެނީ އެ ޖަމިއްޔާގެ ރައީސާ މަރިޔަމް ނޫރައްދީނާއި، އެކްސްކޯގެ ހުރިހާ މެމްބަރުންންގެ އިތުރުން 24 ޝެފުންނާއި 8 ޒުވާން ޝެފުންނެވެ.

ވޯލްޑްޝެފްސް ކޮންގްރެސްގެ ހަވާސާގައި ކުރިއަށްދާ އެކިއެކި ހަރަކާތްތަކުގައި ދިވެހި ޝެފުންގެ ޑެލެގޭޓުގެ ފަރާތުން ބައިވެރިވާނެއެވެ.

އޭގެ ތެރެއިން، ކެއްކުމުގެ އެކިއެކި މުބާރާތްތަކުގައި ފަނޑިޔާރުންގެ ގޮތުގައި ބައިވެރިވާ ޝެފުން ތަމްރީނުކުރުމަށް ބާއްވާ "ކޮމްޕެޓިޝަން ސެމިނާ"ގައި ރާއްޖޭގެ ބައެއް ޝެފުން ބައިވެރިވާނެއެވެ.

ބީބީއެމް އިން ބުނީ ޑެލެގޭޝަންގައި ހިމެނޭ 8 ޒުވާން ޝެފުންގެ ތެރެއިން 6 ޝެފުންގެ ދަތުރުގެ އިތުރުން ވޯލްޑްޝެފްސް ކޮންގްރެސްގައި ބައިވެރިވުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދީފައި ވަނީ ބެސްޓްބައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ބީބީއެމް)ގެ ފަރާތުންނެވެ.

ބީބީއެމްއަކީ ކަލިނަރީ ދާއިރާއަށް ބޭނުންވާ ތަފާތު ބާވަތްތަކުގެ މުދާ ރާއްޖެ އެތެރެކޮށް ރިސޯޓުތަކަށާއި އެހެނިހެން މާކެޓުތަކަށް ވެސް ސަޕްލައިކުރުމުގެ އިތުރުން، ކަލިނަރީ ދާއިރާއަށް ހާއްސަކޮށްގެން ދިވެހިރާއްޖެއާއި ދުނިޔޭގެ ފެންވަރުގައި މާސްޓަރކްލާސްތަކާއި ޓްރެއިނިންގް ފުރުސަތުތައް ވެސް ޒުވާން ޝެފުންނަށް ފަހިކޮށްދެމުން އަންނަ ކުންފުންޏެކެވެ.