ޓީބީ އަށް ސީއެޗްއެސްއީގެ ދަރިވަރަކު ޕޮޒިޓިވްވި ކަމަށް ބުނާ ވާހަކައަކީ ތެދެއް ނޫން ކަމަށް، އެ ސްކޫލުން ބުނެފިއެވެ.

ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ "ދަ ޕްރެސް" އަށް ވިދާޅުވީ، އެ ސްކޫލުން ޓީބީއަށް ދަރިވަރަކު ނުވަތަ މުދައްރިސަކު ޕޮޒިޓިވްވި ކަން އޭނާއަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް، ގްރޭޑް 12 ގެ ދަރިވަރުން ޓީބީއަށް ޓެސްޓު ކުރަމުންދާ ކަމަށާއި، އެ ބައްޔަށް ޓީޗަރުން ޓެސްޓު ކުރުމަށް ވެސް އަންގާފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަފޫރާ މިހެން ވިދާޅުވި އިރު، ބައެއް މީޑިއާތަކުގައި ވާ ގޮތުން، ސީއެޗްއެސްއީން ދަރިވަރަކު ޓީބީއަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ އަށް މެސެޖު ކުރުމުން ޖަވާބު ދެއްވާފައެއް ނުވެއެވެ.

އަދިވެސް ބައެއް އުމުރުފުރާތަކުގެ ކުދިންނަށާއި މީހުންނަށް ޓީބީ ޖެހިފައިވޭ، ނަމަވެސް އެ ބަލި ނުރައްކާވާ މިންވަރަކަށް ފެތުރިފައި ނުވޭ،
ހެލްތް މިނިސްޓްރީ މީޑިއާ އޮފިޝަލް

ހެލްތު މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ރާއްޖޭން ޓީބީ ނައްތާލުމުގެ އަމާޒުގެ ދަށުން، އެޗްޕީއޭ އާ ގުޅިގެން އެކި ސަރަހައްދުތަކުގައި އެ ބައްޔަށް ސްކްރީން ކުރަމުން ދާ ކަމަށެވެ. އަދިވެސް ބައެއް އުމުރުފުރާތަކުގެ ކުދިންނަށާއި މީހުންނަށް ޓީބީ ޖެހިފައިވާ ކަމަށާއި، ނަމަވެސް އެ ބަލި ނުރައްކާވާ މިންވަރަކަށް ފެތުރިފައި ނުވާ ކަމަށް، އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖޭން ޓީބީ ނައްތާލުމުގެ ކެމްޕެއިނަށް އެހީތެރިވުމުގެ ގޮތުން، މި މަހުގެ 20 ވަނަ ދުވަހު އިންޑިއާއިން ވަނީ ރާއްޖެއަށް އެންޓި-ޓީބީގެ 27،000 އަށް ވުރެ ގިނަ ބޭސްގުޅަ ހަދިޔާކޮށްފައެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ޓީބީ ބައްޔާ ގުޅޭ ހައިލެވަލް މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު، ރާއްޖޭގައި ޓީބީ ޖެހޭ މިންވަރު މަދެވެ. އަދި އަމާޒަކީ 2025 ނިމުމުގެ ކުރިން ރާއްޖޭން ޓީބީ ނައްތާލުން ކަމަށް، އޭނާ ވިދާޅުވެފައި ވެއެވެ.