ވެރިކަންކުރާ ކޯލިޝަނުގެ މައިޕާޓީ، އެމްޑީޕީގެ ކޮންގްރެސް ބާއްވަން އަންނަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހަށް ފަސްކޮށް، އެޕާޓީގެ މެމްބަރުންގެ ދަފްތަރު އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރާ އެއްގޮތް ކުރުމުގެ މަސައްކަތް ކުރަން ރޭ ނިންމައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި ވަނީ ކޮންގްރެސް ބާއްވާ ތާރީހު އޮގަސްޓް ހަތަރަކުން އޮގަސްޓް 19 އަށް ފަސްކޮށްފައި ވަނީ އެކަމަކު ލަސްކުރީ، އަސާސީ ގަވާއިދުގައިވާ ތާރީހްތަކަށް ބައެއް ކަންކަން ފެއްތުމަށެވެ. އެގޮތުން އެޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ޖެހެން ތިން މަސްދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމާފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ބައެއް މީޑިއާތަކަށް ވިދާޅުވީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި އީސީގެ ދަފްތަރުގައި ޖެހިފައިނުވާ މީހުން، އެ ދަފްތަރުގައި ޖެހެން ތިން މަސްދުވަސް ދިން ނަމަވެސް، ކޮންގްރެސްގައި ބައިވެރިވެވޭނީ ފުރަތަމަ 30 ދުވަހުގެ ތެރޭގައި އެ ދަފްތަރުގައި ޖެހޭ މީހުންނަށް ކަމަށެވެ.
ކޮންގްރެސް ބާއްވާ އިރު އެގޮތަށް އަމަލުކުރަން ރޭގެ ޖަލްސާގައި ފާސްކުރީ ބައިވެރިވި 90 މެމްބަރުންގެ ތެރެއިން 70 މެމްބަރުން ވޯޓާއެކުގައެވެ. އެމްޑީޕީގެ ކޮންގްރެސް އެންމެ ފަހުން ބޭއްވީ 700 އަށް ވުރެން ގިނަ މެމްބަރުންނާ އެކު ޖޫން، 2018 ގައި އއ. އުކުޅަހުގައެވެ.