އަވަށްޓެރި އިންޑިއާގެ ބިހާރް ސްޓޭޓްގައި އުފަންވިތާ 40 ދުވަސް ފުރިފައިވާ ތުއްތު ކުއްޖެއްގެ ބަނޑުގައި އިތުރު ކުއްޖަކު އޮތް ކަމަށް އެ ގައުމުގެ މީޑިއާއިން ރިޕޯޓް ކޮށްފައެވެ.

ބިހާރްގެ މޮތިހަރީގައި ހުންނަ ރަހްމާނިއާ މެޑިކަލް ސެންޓަރަށް ތުއްތު ކުއްޖާ ގެންދިޔައީ ރަނގަޅަށް ހީސް ނުލާތީ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ބަނޑު ކައިރި ފުއްޕާފައި ހުރި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ބަނޑުކައިރި ފުއްޕާފައި ހުރުމުން ސީޓީ ސްކޭނެއް ހެދުމަށް، ޑރ ތަބްރޭޒް އަޒީޒް އެނގެވިއެވެ. ސީޓީ ސްކޭންގެ ނަތީޖާ ލިބުމުން ޑޮކްޓަރަށް ހައިރާން ކަމާއި ސިހުން ގެނުވި ކަމަށާ، އެއީ އެ ތުއްތު ފިރިހެން ކުއްޖާގެ ބަނޑުގައި އުތުރު ކުއްޖަކު އޮތުމުން ކަމަށް ހަބަރު ލިބެއެވެ.

މިއީ ސިއްހީ ދާއިރާގެ ތާރީހަށް ބަލާ އިރު، މަދުން ނަމަވެސް ހިނގާ ކަމެކެވެ. ކޮންމެ 500000 ކޭހަކުން 1 އަށް މި ފަދަ ކަމެއް ދިމާވާ ކަމަށް މައުލޫމާތު ލިބެއެވެ.

ސީޓީ ސްކޭން ހެއްދެވި ޑޮކްޓަރު އޭއެންއައިއަށް ދެއްވި ބަސްދީގަތުމަކާ ހަވާލާދީ ވިއޯންއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، 40 ދުވަސްވީ ކުއްޖާ މިހާރު ވަނީ ސާޖަރީ ހަދާފައެވެ. އަދި ކުއްޖާގެ ހާލު ސްޓޭބަލްއެވެ. މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.