ހަތިޔާރު އެޅި ހަނގުރާމަ ތޯލިބާން ޖަމާއަތުން އޯގަސްޓް 2021 ގައި އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ފަހުން، އެ ގައުމުން މަސްތުވާތަކެތި ބޭރު ކުރި މިންވަރު މައްޗަށް ގޮސްފައި ވާ ކަމަށާ، އިންޑިއާއާ ދެކޮޅު ފިކުރުގެ ޓެރަރިސްޓް ގުރޫޕުތަކެއް ކަމަށް ޖާއިޝީ މުޙައްމަދު (ޖިމް)އާއި ލަޝްކަރީ ތޮއިބާ (އެލްއީޓީ)ގެ ކޭމްޕުތައްވެސް އެ ގައުމުގައި އެބަހުރި ކަމަށް، އދގެ ސަލަމަތީ މަޖިލީހުގެ ރިޕޯޓެއް ބުނެފިއެވެ.

މި ރިޕޯޓަކީ ތޯލިބާނުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހާއްސަކޮށްގެން ތޯލިބާން ސޭންކްޝަންސް ކޮމިޓީ އެކުލަވާލި ފަހުން، އެ ކޮމިޓީގެ ދަށުން، ސޭންކްޝަންސް މޮނިޓަރިންގް ޓީމުން ތައްޔާރު ކުރި 13 ވަނަ ރިޕޯޓެވެ.

ހުސްވި ހަފުތާގައި ހަށަހަޅާފައި ވާ ރިޕޯޓް ބުނާ ގޮތުގައި އަފްގާނިސްތާނުގައި އުފައްދާފައި ވާ މަސްތުވާތަކެތި، އެ ގައުމުން ބޭރު ކުރި މިންވަރު، 2021 ވަނަ އަހަރުގެ ފަހު 6 މަސް ދުވަހުގެ ތެރޭގައި އިންތިހާއަށް އިތުރު ވެފައި ވާ ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅަށް އެކަށީގެން ވާ ގޮތެއްގައި އަފްގާނިސްތާނުގައި މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށްވެސް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

އެގޮތުން ސެޕްޓެމްބަރު 2021 ގައި އިންޑިއާއިން އަތުލައިގަތް 3 ޓަނުގެ ހެރޮއިން ޝިޕްމަންޓްގެ ވާހަގަ ފާހަގަ ކޮށްފައި ވާ އިރު، ތޯލިބާނުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ފަހުން، އީރާން މަގުން ތުރުކީވިލާތާއި ވިލާތަށް މަސްތުވާތަކެތި އެތެރެ ކުރި މިންވަރު، 50 ޕަސެންޓް އިތުރު ވެފައި ވާ ކަމަށް ވެސް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

އަފްގާނިސްތާނުގެ އަފިހުން ދަނޑެއްގައި ބަޔަކު މަސައްކަތް ކުރަނީ / ފައިލް ފޮޓޯ: ޖަޕާން ޓައިމްސް

އަފްގާނިސްތާނުގައި ތޯލިބާނުންނަށް ކާމިޔާބު ލިބުނު ލިބުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޓެރަރިސްޓުންނަށް ލިބުނު ހިތްވަރެއްކަމަށް ރިޕޯޓްގައި ސިފަކޮށްފައިވެއެވެ. އެގޮތުން މިހާރުވެސް ޖިމްއާއި އެލްއީޓީގެ ކޭމްޕުތައް އަފްގާނިސްތާނުގައި ހުރި ކަން، އދގެ ރިޕޯޓުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ޕާކިސްތާނުގައި މަރުކަޒުވެފައިވާ 2 ގުރޫޕަކީވެސް އިންޑިއާގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ގުރޫޕުތަކެކެވެ. އަދި ޖިމްގެ އަފްގާނިސްތާނު ގޮފީގެ އިސްވެރިޔާގެ މަގާމަށް ގާރީ ރަމަޒާން ހަމަޖައްސާފައި ވާ ކަންވެސް ފާހަގަ ކޮށްފައިވެއެވެ. އޭގެ އިތުރުން އީސްޓާން ޓާކިސްތާން އިސްލާމް މޫވްމަންޓް (އެޓިމް)އާއި އިސްލާމިކް މޫވްމަންޓް އޮފް އުޒްބަކިސްތާންގެ ހަނގުރާމަވެރިންގެ ނަމްބަރުތައްވެސް ސަތޭކައިން ގުނާލެވޭ ކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

ތޯލިބާން ސޭންކްޝަންސް ކޮމިޓީ ނުވަތަ 1988 ސެކިއުރިޓީ ކައުންސިލް ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާފައި ވަނީ އިންޑިއާއިން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޓީއެސް ތީރުމުރުތީއެވެ. އެ ކޮމިޓީގައި އދގެ ސަލާމަތީ މަޖިލީހުގެ 15 މެންބަރު ގައުމު ހިމެނޭއިރު، ނިންމުންތައް ނިންމަކީ އާންމު އެއްބަސްވުން ނުވަތަ ކޮންސެންސަސް އުސޫލުންނެވެ.