ސްރީލަންކާގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ގޮތަބަޔާ ރާޖަޕަކްސަ، މިހާރުން މިހާރަށް އެ މަގާމުން އިސްތިއުފާ ދެއްވައިފިނަމަ ކުރިމަތިލާންޖެހުން އެކަށީގެންވާ ހާލަތެއް، އެ ގައުމުގެ ޖަސްޓިސް މިނިސްޓަރު ވިޖޭދާސަ ރާޖަޕަކްޝޭ ތަފްސީލު ކޮށްދެއްވައިފިއެވެ.
ސްރީލަންކާގެ ޖަސްޓިސް މިނިސްޓަރު ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު މިވަގުތު އޮތީ ސްރީލަންކާ ޕީޕަލްސް ފްރަންޓް ނުވަތަ އެސްއެލްޕީޕީގައި ކަމަށް ވެފައި، ރައީސަކު އައްޔަން ކުރަނީ މަޖިލީހުން ކަމަށް ވާ ހިނދު، އެކަން ކުރާނީ އެސްއެލްޕީޕީއިން ކަމަށެވެ.
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި އެސްއެލްޕީޕީ ތަމްސީލު ކުރައްވާ މެންބަރުންގެ މެޖޯރިޓޯ ކޮންޓްރޯލް އޮންނަނީ ސްރީލަންކާގެ ކުރީގެ މާލީ ވަޒީރު ބާސިލް ރާޖަޕަކްސަގެ އަތްޕުޅުގައި ކަމުން، ގޮތަބާޔާގެ އިސްތިއުފާއަށް ފަހު ސްރީލަންކާގެ ރައީސް ކަމުގެ މަގާމުން ދެން ފެނުން ގާތީ ބާސިލް ރާޖަޕަކްސަ ކަމަށް ވިޖޭދާސަ ރާޖަޕަކްޝޭ ވަނީ އިޝާރާތް ކުރައްވާފައެވެ.
ސްރީލަންކާގެ މަސްރަހުގައި މިއަދު އެންމެ ބޮޑު ނުތަނަވަސް ކަމެއް އުފެދިގެން އުޅެނީ ރާޖަޕަކްސަ އާއިލާއިން އެ ގައުމުގެ ސަރުކާރު ކޮންޓްރޯލް ކުރަމުން ދާ ދިއުމުގެ ސަބަބުން ކަމަށް ވާ ހިނދު، ޖަސްޓިސް މިނިސްޓަރުގެ އަންދާޒާއަށް ރިއާޔަތް ކުރާ އިރު، ގޮތަބާޔާ އިސްތިއުފާ ދެއްވުމަކުން ރައްޔިތުންގެ ކަންބޮޑުވުންތަކަކަށް ހައްލެއް ލިބޭނެ ކަމަކަށް ނުބެލެވެއެވެ.
ހުރިހާ ޕާޓީއެއްގެ ޝާމިލުވުން އެކުލެވޭ ގޮތަށް ސަރުކާރު އެކުލަވާ ލުމަށް ފުރުސަތު ތަނަވަސްކޮށްދެއްވުމުގެ ނަމުގައި ބޮޑުވަޒީރު ކަމުން މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވި ކަމުގައި ނަމަވެސް، ޕްރޮކްސީ އުސޫލުން ބާސިލް އިސްކޮށް ހުންނަވައިގެން ސްރީލަންކާގެ ވެރިކަމުގެ މައި ކޮންޓްރޯލް ނަގާފައި ވަނީ ރާޖަޕަކްސަ އާއިލާއިން ކަމުގައި މަސްރަހު ދިރާސާ ރަންގާ ޖާޔަސޫރީޔާ ވަނީ ފާހަގަ ކުރައްވާފައެވެ.
ބާސިލް ރާޖަޕަކްސައަކީ ލަންކާގެ ސަރުކާރުގައި އެ އާއިލާއިން ހިމެނިވަޑައިގެންނެވި މެންބަރުންގެ ތެރެއިން އެންމެ ހައްސާސް މެންބަރެވެ. ސްރީލަންކާގެ ސަރުކާރު ފުރިހަމައަށް މިނިވަންވެއްޖެ ނަމަ، އެންމެ ފުރަތަމަވެސް ބެލިގެންދާނެ މައްސަލަތަކުގެ ތެރޭގައި ބާސިލްއާ ދެކޮޅަށް އަމާޒު ކުރެވިފައިވާ ކޮރަޕްޝަންގެ ވަރުގަދަ ތުހުމަތުތައް ހިމެނޭނެ ކަމަށް ބެލެވެއެވެ.
ސްރީލަންކާގެ ސަރުކާރު މިވަގުތު އޮތީ، ބާސިލް ރާޖަޕަކްސަގެ މުށު ތެރޭގައި އޮތް ގާނޫނު ހަދާ މަޖިލީހުން ހިސޯރު ކޮށްފައި ކަމަށްވެސް ރަންގާ ޖާޔަސޫރީޔާ ވަނީ ފާހަގަ ކުރައްވާފައެވެ.