އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ދޫކުރާ ބަޖެޓު ބޮޑު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
މެދުރާއްޖެތެރޭގެ ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކުގެ މަސައްކަތްތައް ހަރުދަނާ ކުރުމާއެކު މަޝްވަރާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްނަންގަވައިގެން ބޭއްވި "ވިއަވަތި ރާއްޖެ" ގެ ދެވަނަ ސެޝަން ނިންމާލުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ކައުންސިލްތަކާ އެކު ކުރެވުނު މަޝްވަރާތަކުން ލިބުނު ހިޔާލުތަކަކީ ބިނާ ކުރުވަނިވި ކަންތައްތަކެއްގެ ގޮތުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން، ފުނި ޖެހިފައިވާ އެތައް މައްސަލަތަކާއި ކަންބޮޑުވުންތަކާ ދޭތެރޭ އެ މަޝްވަރާ ބައްދަލުވުމުގައި މަޝްވަރާ ކުރެވި، އެ މައްސަލަތައް ހުށަހެޅިގެން ދިޔަ ކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންނަށް ދޭންވާ ހިދުމަތްތައް ފަސޭހައިން ދެވޭނީ އެ ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ އަތޮޅެއްގައި ތިބި، ރައްޔިތުންނާ އެންމެ ގާތުގައި ތިބި ބަޔަކަށް ކަމަށެވެ. އެ ވާހަކަފުޅުގައި ރައީސް އިޝާރާތް ކުރައްވާފައި ވަނީ ކައުންސިލަރުންނަށެވެ.
ކައުންސިލްތައް، އަދި ވަކިން ހާއްސަކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ހުރިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ޖުމްލަ ގޮތެއްގައި އަންހެނުންގެ ކޮމިޓީތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އެ ކޮމިޓީތަކަށް ދޫކުރާ ބަޖެޓު ކުޑަވުމުން ކަމަށެވެ.
އެހެންކަމުން، އަންހެނުންގެ ކޮމިޓީތަކަށް މާލީ ބާރުވެރިކަން ދީ، މިހާރަށް ވުރެ ބޮޑު ބަޖެޓެއް ދިނުމާ މެދު ސަރުކާރުން ވިސްނަވާ ކަމަށާއި، އެކަމާ މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެވެމުން ދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންހެނުންގެ ކޮމިޓީތަކުގެ ބަޖެޓް ބޮޑުކޮށް، މިހާރަށް ވުރެ ބޮޑަށް ހަރަކާތްތެރިކުރުވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
"ޑަބްލިއުޑީސީއަށް ދޫކުރާ ބަޖެޓް މިހާރަށް ވުރެ މިހާރަށް ވުރެ ރަނގަޅަށް ބޮޑުކޮށް ހަރަކާތްތެރި ކުރުވުމަށް އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ މަސައްކަތް ކުރާނަން." ރައީސް ވިދާޅުވިއެވެ.