ބ. ހިތާދޫގެ އާ އިންޖީނުގެއާއި އޮފީސް އިމާރާތް އިއްޔެ ހުޅުވައިފިއެވެ

އެހެންކަމުން، ހިތާދޫގައި ހުރި 28 އަހަރުގެ ބާ އިންޖީނުގެ ވަނީ އިއްޔެއިން ފެށިގެން ނިއްވާލައިފައެވެ.

ކުރިން އާންމުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގޭގެ ބަދަލުގައި އަލަށް ހުޅުވި އިންޖީނުގެ އާއި އޮފީސް އިމާރާތް ހުންނަނީ އެ ރަށުގެ ބަނދަރު ސަރަހައްދުގައެވެ.

ފެނަކައިން ބ. ހިތާދޫގައި ހުޅުވި އާ އިންޖީނުގޭގައި ބަހައްޓާފައި ހުރި ޖަނަރޭޓަރު ސެޓު / ފޮޓޯ: ފެނަކަ

ފެނަކައިން ބުނި ގޮތުގައި އެ ކޯޕަރޭޝަނުން ހިތާދޫގައި އިއްޔެ ހުޅުވި އިންޖީނުގޭގައި 400 ކިލޯވޮޓްގެ ދެ ޖަނަރޭޓަރަކާއި، 160 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގާއިމްކޮށްފައިވާނެއެވެ. އަދި އޮފީސް އިމާރާތުގައި 28 މުވައްޒަފުންނަށް އެއްފަހަރާ ތިބެވޭނެއެވެ.

އެ ކޯޕަރޭޝަނުން ބުނީ، އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ރައްކާތެރިކަމާ އެކު ތެޔޮ ރައްކާ ކުރެވޭނެ ނިޒާމެއް ގާއިމްކޮށް، އާންމުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން، ދުން ބޭރު ކުރުމަށް އިންޖީނުގެތަކުގައި ދުންހޮޅިތައް ހަދާފައިވާނެ ކަމަށެވެ.

ހަމަ އެއާއެކު، އާ އިންޖީނުގެތައް ހުޅުވާއިރު ރަށްރަށުގެ ކަރަންޓު ނެޓްވޯކްތައް އަޕްގްރޭޑް ކުރެވި، އެނާޖީ އޮތޯރިޓީގެ ގަވައިދުތަކާ އެއްގޮތަށް 70 ޑެސިބަލަށް ވުރެ މަތިނުވާނެ ހެން ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެތަކުން އުފައްދާ އަޑު މަޑުވާނެ ކަމަށް ފެނަކައިން ބުންޏެވެ.