"ވިއަވަޔި ރާއްޖެ" ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބޭއްވި ކުޅިވަރު ފެސްޓިވަލްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންފިއެވެ.
އުކުޅަހު ތުނޑީ ސަރަހައްދުގައި ކުރިޔަށް ގެންދިޔަ މި ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ބީޗްވޮލީ، ވާދެމުން، ޕެނަލްޓީ ޖެހުންފަދަ ކުޅިވަރު ހަރަކާތްތައް ބާއްވާފައިވާއިރު ރައީސް ވަނީ ބައެއް ކުޅިވަރުތައް ވެސް ކުޅުއްވާފައެވެ.
މިގޮތުން ރައީސް ކުޅުއްވި ބައެއް ކުޅިވަރުތަކުގައި ވާދެމެމުގެ ރޭހާއި ގޯލަށް އަމާޒުކޮށް ބޯޅަ ޖެހުމުގެ އިތުރުން ވޮލީ ހިމެނެއެވެ.
މިުޅިވަރުތަކުގައި ސަރުކާރުގެ ވުޒާރާތަކުގެ ވަޒީރުންނާއި ބައެއް އިސްވެރިންގެ އިތުރުން ކުންފުނިތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ރައީސްގެ އިސްނެގެވުމުގެ މަތިން އިންތިޒާމުކޮށް ބާއްވާ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ މައިގަނޑު އެއް މަގްސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރުމެވެ.
ވިޔަވަތި ކޮންފަރެންސް 2022 ވަނަ އަހަރު ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ 3 ސަރަހައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އ.ތ.މ ކޮމެޓީ ބައިވެރިވާ ގޮތަށެވެ. މިގޮތުން މި އަހަރު ބާއްވާ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އ.އ އުކުޅަހުގައި ބޭއްވޭ ކޮންފަރެންސްއެވެ.
މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އ.ތ.މ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ.