ރިބާގެ ސަބަބުން ފަރުދުންނަށާއި ދައުލަތްތަކަށް ބޮޑެތި ގެއްލުންތައް ވަމުން ދާ ކަމަށާއި، މިއަދު ދުނިޔޭގެ އިގްތިސޯދާއި މާލީ ނިޒާމުގެ މައްޗަށް ރިބާ އަތްގަދަކޮށްފައި ވާ ކަމަށް، ހުކުުރު ދުވަހުގެ ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ އަލިއަޅުވާލާފައި ވަނީ "ރިބަވީ މުއާމަލާތުގެ ނުބައިކަމާއި ފާފަވެރިކަން،" މި މައުޟޫއަށެވެ. މިއަދުގެ ހުތުބާގައި، ރިބާގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މައްޗަށް ތަފްސީލްކޮށް އަލި އަޅުވާލާފައިވެއެވެ.

ހުތުބާގައި ބުނީ، މުދަލުން ކުރާ މުއާމަލާތްތަކުގައި މަކަރު ހެދުމާއި އޮޅުވާލުމަކީ ﷲ ތައާލާ ނަހީ ކުރައްވާފައިވާ ކަމެއްކަމަށާއި، އެފަދަ މުއާމަލާތްތަކުގައި މަކަރާއި ހީލަތް ނެހެދުމަށާއި އޮޅުވާނުލުމަށް، ﷲ ތައާލާ އާއި ކީރިތި ރަސޫލާ އުންމަތަށް އަމުރު ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ހުތުބާގައި ވަނީ އަމިއްލަ މަސައްކަތުން މުދާ ހޯދައިގެން ދިރިއުޅުން ތަނަވަސް ކުރުމަށާއި، ފަގީރުން ނިކަމެތިނުކުރުމަށް އިރުޝާދު ދީފައެވެ.

ރިބާ ކާ މީހުންގެ ބައެއް ސިފަތައް

ހުތުބާގައި ސިފަކޮށްފައިވާ ގޮތުގައި، ރިބާ ކާ މީހުންގެ އަމަލަކީ ހަޑި ހުތުރު އަމަލެކެވެ. ހަމަ އެހެންމެ އެ މީހުންގެ އެއްވެސް ކުލުނެއް އޯގާތެރިކަމެއް ނުހުންނަ ކަން ވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، އެ މީހުންނަކީ "ދެފައި މައްޗަށް ތެދުވެ ހުރުމުގެ ބާރު ލިބިފައިނުވާ މީހުން"ގެ ގޮތުގައި ﷲ ތައާލާ ކީރިތި ޤުރުއާނުގައި ސިފަކުރައްވާފައި ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

"މިފަދަ މީހުންގެ ދުނިޔަވީ ހަޔާތުގައިވެސް އެ މީހުން ތިބޭނީ އަމިއްލަ ނަފްސުގެ ތަވާޒުނު ގެއްލިފައެވެ. އީމާން ކަމާއި ޟަމީރުގެ ހަރުދަނާ ކަމެއް ނެތުމުގެ ސަބަބުންނެވެ. މުދަލަށް އަޅުދާސްވެފައިވާ މީހާ އަބަދުވެސް ވިސްނާނީ އޭނާގެ މުދަލާ މެދުގައެވެ. އެހެން ކަމަކާ މެދު ވިސްނައި ފިކުރެއް ނުކުރާނެއެވެ. އޭނާގެ ހިތާއި ޟަމީރު އޮންނާނީ އަމިއްލަ އެދުމާއި ހަރުކަށިކަމުން ވަންހަނާވެ، ފޮރުވިފައެވެ."

އިސްލާމްދީނުގައި ރިބާ ހަރާމް ކުރައްވާފައިވަނީ ކީއްވެ؟

ހުކުރު ހުތުބާގައި ބުނި ގޮތުގައި، ރިބާގެ މުއާމަލާތްތައް ކޮށް އުޅޭ މީހުންގެ ސަބަބުން މުޅި އުންމަތަށް އެ ކަމުން ނުރައްކާވެއެވެ. އަދި އިގްތިސޯދަށް ވެސް ގެއްލުންވެއެވެ.

"އަދި މިކަމަކީ އިޖްތިމާއީ އަދި އަހްލާގީ ވުޖޫދު، އެކީއެކަށް އޭގެ ބިންގަލުން ލުހެ އެއްލާލާފައިފާނެ ކަމަކަށް ވާތީއެވެ."

އޭގެ އިތުރުން، ރިބާ ހަރާމް ކުރައްވާފައިވަނީ:

  • އެކަމުގެ ސަބަބުން މީހުންނަށް ބޮޑު މުސީބާތްތައް ކުރިމަތި ވާތީ
  • އެ މުސީބާތް ފަރުދުންނަށާއި ޖަމާއަތްތަކަށާއި ދައުލަތްތަކަށް ވެސް ކުރިމަތި ވާތީ
  • މަސައްކަތް ކުރުމެއް ނެތި ފައިސާވެރިންނަށް އިތުރު ފައިސާ ލިބޭތީ
  • އެކަމުގެ ސަބަބުން ތަކެތީގެ އަގު އުފުލޭތީ
"އެއީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ތުރާލެކެވެ. އެއީ ފަރުދުންގެ އަހްލާގާއި ޒަމީރު ފާސިދުކުރާ ކަމެކެވެ. އެކަމުގެ ސަބަބުން ހަރާބުވެފައި ވަނީ ކިތައްކިތައް ގެ ހެއްޔެވެ؟ ބަނގުރޫޓުވެފައި ވަނީ ކިތައްކިތައް ކުންފުނި ހެއްޔެވެ؟ ނުއަގުގައި ވިއްކާލަން ޖެހުނީ ކިހާ ގިނަ ހަރުމުދަލެއް ހެއްޔެވެ؟ ޖަލަށް ވަންނަން ޖެހުނީ ކިތައްކިތައް މީހުންނަށް ހެއްޔެވެ؟ ހިތް ހުއްޓިފައިވަނީ ކިތައް މީހުންގެ ހެއްޔެވެ؟"

ޖާހިލިއްޔަ ޒަމާނުގައި މައިގަނޑު ދެ ބާވަތެއްގެ ރިބާ އޮތް ކަމަށް ހުތުބާގައި ބުންޏެވެ. އެ ދެ ބާވަތުގެ ރިބާ އަކީ:

  • ގަތް އެއްޗެއްގެ އަގު ވަކި މުއްދަތެއްގެ ތެރޭ އަދާ ކުރުމަށް ޝަރުތުކޮށް ވިއްކުން، އެ މުއްދަތުގައި އަދާ ނުކުރެވިއްޖެ ނަމަ، މުއްދަތު އިތުރުކޮށްދިނުމުގައި ކުރިން އެއްބަސްވީ މިންވަރަށް ވުރެ އިތުރަށް ދޭން ޖެހުން
  • މުދަލެއް އެ ބާވަތުގެ އެހެން މުދަލަކާ ބަދަލު ކުރާއިރު އިތުރުކޮށްފައި ބަދަލުކުރުން

ނަމަވެސް މިއަދު ރިބާގެ ބާވަތްތައް ގިނަ، ކަމަށާއި، އެކަން ކުރުމަށްޓަކައި މިއަދު އުސޫލުތަކެއް ހަދައި، އެކަމަށްޓަކައި ކުންފުނިތަކާއި ބޭންކުތައް ގާއިމްކޮށްފައިވާ ކަން ފާހަގަކޮށްފައިވެއެވެ.

"މީސްތަކުންނަށް މިއަދު ރިބާ ފެންނަނީ ވަރަށް ރީތި ދަޅައެއްގެ ގޮތުގައެވެ. އެކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ވަނީ އޭގެ ދަލުގައި ޖެހިފައެވެ." ހުތުބާގައި ބުނެފައިވެއެވެ.

ކީރިތި ރަސޫލާ ހަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ، "ރިބާ ކާ މީހާއަށާއި، ކާންދޭ މީހާއަށާއި، އެކަމަށް ހެކިވާ ދެ ހެކިވެރިންނަށާއި، އެކަމުގެ އަގުދު ލިޔާ މީހާއަށް ﷲ ލައުނަތް ލެއްވިއެވެ."

އެއާއެކު، ހުތުބާގައި ވަނީ ރިބާ ފަދަ ﷲ ތައާލާ ހަރާމް ކުރައްވާފައިވާ ކަންކަމުން މުދާތައް ދުރުކުރުމަށް އާންމުންނަށް ހަނދާން ކޮށްދީފައެވެ.

"ﷲ ތައާލާ އަންގަވާފައިވާ ގޮތުގެ މަތިން މުދަލާއި ތަނަވަސްކަން ހޯދުމަށް މަސައްކަތް ކުރާށެވެ. އޭރުން މާތް ﷲ ތިޔަބައިމީހުންގެ ފާގަތިކަން އިތުރު ކުރައްވާނެއެވެ." ހުތުބާގައި ބުންޏެވެ.