އެމެރިކާގެ ޓެކްސަސްގައި ކުޑަ ކުދިންތަކެއް ތައުލީމު ހާސިލު ކުރުމުން ދިޔަ ސްކޫލަކަށް ވަދެ ބަޑީގެ ހަމަލާތަކެއް ދީ 21 މީހުން މަރާލި ޒުވާނާ، ހަމަލާ ދިނުމަށް ސްކޫލު ތެރެއަށް ވަދެގެން ދިޔައީ އެއްވެސް ހުރަހަކާ ކުރިމަތި ނުލާ ކަމަށް އެމެރިކާ ފުލުހުން ބުނެފިއެވެ.

ޓެކްސަސް ރޭންޖާ ވިކްޓާ އެސްކަލޯން ވިދާޅުވީ، ހަތިޔާރު އަޅައިގެން ހުރި ގާޑަކު، ޒުވާނާއާ ކުރިމަތިލާފައި ނުވާ ކަމަށާ، ސްކޫލުގެ ދޮރޯށި ތަޅުލާފައި ހުރި ކަމެއް ނުވަތަ ނޫންކަންވެސް ސާފު ނުވާ ކަމަށެވެ.

ރޮބް އެލެމެންޓްރީ ސްކޫލަށް ހަމަލާ ދިން މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި، އެ ޒުވާނާއާ ކުރިމަތިލުމަށް، ފުލުހުން ޖެހިލުންވި މަންޒަރު ވަނީ ފެނިފައެވެ.

ޓެކްސަސް ރޭންޖާ އެސްކޯލާން ވިދާޅުވީ، ގާޑަކަށް ހުރި މީހާއަށް ޒުވާނާ ބަޑީގެ ހަމަލާ ދިން ކަމަށް ބުނެ ފެތުރުނު މައުލޫމާތަކީ، ނުރަނގަޅު މައުލޫމާތެއް ކަމަށެވެ.

އޮފިސަރުން ސްކޫލް ތެރެއަށް ވަނީ، އެ ޒުވާނާ ސްކޫލަށް ވަދެގެން ދިޔަތާ 4 ވަރަކަށް މިނެޓް ފަހުން، 11:40 ގައި ކަމަށް އެސްކޯލާން ވިދާޅުވިއެވެ. އަދި ވަގުތުން ވަގުތަށް އިމާރާތުގެ ތެރެއަށް އޮފިސަރުން ވަދެފައި ނުވަނީ، ބަޑީގެ ހަމަލާތަކުގެ ސަބަބުން ކަމަށްވެސް އެސްކޯލާން ވަނީ ވިދާޅުވެފައެވެ.

ބަޑީގެ ހަމަލާތައް ދެމުން ދިޔަ ޒުވާނާ މަރާލެވުނީ އޭގެ 1 ގަޑިއިރު ފަހުން 12:45 ގައި، އެމެރިކާގެ ބޯޑާ ޕެޓްރޯލް ޓެކްޓިކަލް ޓީމުތަކުން އެ ސަރަހައްދަށް ގޮސްގެންނެވެ.

ބަޑީގެ ހަމަލާ ދިން ޒުވާނާ ވަނީ 19 ދަރިވަރެއްގެ އިތުރުން 2 ޓީޗަރަކު މަރާލާފައެވެ. އަދި އިތުރު 17 މީހަކު ޒަހަމް ކޮށްލާފައެވެ. ހަމަލާގައި މަރުވި ޓީޗަރެއްގެ ފިރިމީހާ ވަނީ، ހާޓް އެޓޭކެއް ޖެހިގެން، މިދިޔަ ބުރާސްފަތި ދުވަހު މަރުވެފައެވެ. އޭނާ މަރުވީ، 24 އަހަރު ވަންދެން އިނދެގެން އުޅުނު އަނބިމީހާ މި ދުނިޔެއާ ވަކިވެ ދިއުމުގެ ހިތާމާގައި ކަމަށް އައިލާއިން ވަނީ ބުނެފައެވެ.

ސްކޫލަށް ހަމަލާ ދިނުމުގެ ކުރިން، ޒުވާނާގެ މާމަ މަރާލާ، ކާރުވެސް އެކްސިޑެންޓް ކޮށްލާފައި ވާ އިރު، އެލެމެންޓްރީ ސްކޫލަކަށް ހަމަލާ ދޭން އުޅޭ ކަމުގެ އިންޒާރު، އޭނާ ވަނީ ސޯޝަލް މީޑިއާގައި ހާމަ ކޮށްފައެވެ. ނަމަވެސް އެކަން ކުރީ ކޮން ނިޔަތެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ.

ކާރު އެކްސިޑެންޓް ކުރުމަށް ފަހު ސްކޫލަށް މިސްރާބު ޖަހަމުން ދިޔަ އިރު، ޖަނާޒާ ބާއްވާ އިމާރަތަކުން ނިކުތް 2 މީހަކަށްވެސް އެ ޒުވާނާ ބަޑީގެ ހަމަލާ ދިން ކަމަށް ހަބަރު ލިބެއެވެ. ނަމަވެސް ސްކޫލު ދޮރާ ހަމައަށް ދިޔަ އިރުވެސް އޭނާއާ އެއްވެސް މީހަކު ކުރިމަތިލާފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންނާ ދެމެދު ހިންގި ކުރިމަތިލުންތަކުގައި ޒުވާނާވެސް ވަނީ މަރުވެފައެވެ. އެ ޒުވާނާއަކީ ހަމަލާ ދިން ސްކޫލް ހިމެނޭ ސަރަހައްދުގެ ހައި ސްކޫލްގައި ތައުލީމު ހާސިލު ކުރަމުން ދިޔަ، އުމުރުން 18 އަހަރުގެ ދަރިވަރެކެވެ. އެ ޒުވާނާ ހަމަލާ ދިނުމުގެ ހަފުތާއެއްހާ ދުވަސް ކުރިން އޭއާރް ރައިފައިލްތަކެއް ގަންކަންވެސް މިހާރުވަނީ އެނގިފައެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން