ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރީގައި ކަރަންޓު ނެޓްވޯކް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
އެ ރަށުގައި މަގުބައްތި ޖެހުމާއި ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުމަށް ސްޓެލްކޯއާ ހަވާލުކޮށްފައިވާއިރު އެ ރަށުގައި ކަރަންޓު ނެޓްވޯކް ގާއިމް ކުރުމަށްޓަކައި ޖުމްލަ 3000 މީޓަރުގެ ކޭބަލް ވަޅުލުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ހަވާލުވެފައިވާ ހުރިހާ މަސައްކަތްތައް ނިންމާލުން ކަމަށެވެ.
މީގެއިތުރުން ކުޑަގިރީގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު ޕަސެންޓެއް އިޔާދަ ކުރަނިވި ހަކަތައިން އުފެއްދުމަށްޓަކައި އެކަމުގެ ދިރާސާތައް ކުރުމަށްވެސް ސްޓެލްކޯއިން ވިސްނާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ކުޑަގިރީގައި 150 މީހުންގެ ޖާގައިގެ މިސްކިތް އިމާރާތްކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ވަނީ ނިންމާފައެވެ.
އެ ރަށުގައި ކުރަމުންގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ނައިބް ރައީސް ފައިސަލް ނަސީމްއާއި ސްޓެލްކޯގެ އެކްޓިން ޗެއާމަން އަހުމަދު ލަތީފާއި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ އިތުރުން އެރަށުގައި މަސައްކަތް ކުރާ ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން މިދިޔަ ބުދަ ދުވަހު ވަނީ ޒިޔާރަތްކުރައްވާފައެވެ.