ދީނީ ހަރުކަށި ފިކުރާއި ޓެރަރިޒަމް ހުއްޓުވުމަށް ވަސީލަތްތައް ގާއިމްކުރުމުގައި ތުރުކީގެ އެހީތެރިކަމަށް ހޯމް މިނިސްޓްރީން އެދިއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައިވަނީ އިމްރާން ތުރުކީގެ ދާހިލީ ވަޒީރާ ބައްދަލުކުރައްވަން އެބޭފުޅާގެ ހާއްސަ ދައުވަތަކަށް އެގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދާހިލީ ވަޒީރާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

އެރަސްމީ ވާހަކަތައް ފެއްޓެވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ ޖިއޮގްރަފީ ގޮތުން ދެގައުމު ކިތަންމެ ތަފާތު ނަމަވެސް، ދެގައުމުގެ ދެމެދުގައި އޮތީ ޒަމާންވީ ތާރީީ ގުޅުމެއް ކަމަށެވެ. އަދި މިއީ އިސްލާމީ ދެގައުމުކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ދެގައުމުގެ ރައްޔިތުންގެ ދިރިއުޅުމާއި، ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންވެފައިވަނީ އެއްގޮތް ކަންތައްތަކެއްގެ މައްޗަށް ކަމަށެވެ.

އަދި މީގެ 900 އަހަރު ކުރިން ދިވެހިންނަށް އިސްލާމްދީނުގެ ހިދާޔަތް ލިބުނީއްސުރެވެސް ތުރުކީއަކީ ރާއްޖެއިން މިސާލަކަށް ބަލާ ގައުމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، ތުރުކީގެ ރައީސް އުރުދުގާން އާއި ސަރުކާރުން ދުނިޔެއަށް، ހާއްސަކޮށް އިސްލާމީ ގައުމުތަކަށް ދައްކާ ލީޑާޝިޕެއް ކަމަށެވެ.

އިމްރާން ވަނީ ދީނީ ހަރުކަށި ފިކުރާއި، ޓެރަރިޒަމްއާއި، ޑްރަގް ޓްރެފިކިން ހުއްޓުވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާ އެދާއިރާތަކުން މީހުން ބިނާކުރުމާއި، ވަސީލަތްތައް ގާއިމްކުރުމުގައި ތުރުކީގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ކުށްވެރިން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ތުރުކީގެ ޓެކްނިކަލް އެހީތެރިކަމަށް އިމްރާން ވަނީ އެދިވަޑައިގެންފައެވެ.

އިމްރާންގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުން މިދަތުރުގައި ތުރުކީގެ ދާހިލީ ސަލާމަތާއި ގުޅޭ އެކިއެކި މުއައްސަސާތަކާ ވަކިވަކިން ބައްދަލުކުރެއްވަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ. އޭގެތެރޭގައި ތުރުކީގެ ފުލުހުންގެ މުއައްސަސާއާއި, ފުލުހުން ތަމްރީނުކުރާ މަރުކަޒާއި, ޖަލުތަކުގެ ކަންކަން ބަލަހައްޓާ އިދާރާ ހިމެނެއެވެ.

މިބައްދަލުކުރެއްވުން ތަކުގައިވެސް ތުރުކީގެ ތަޖުރިބާއާއި އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.