ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު ބައި ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނީ ކުރިއާ މެދުވެރިިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލާ ފާސް ކުރުމުގެ ތެރެއިން ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އެތަކެތި އިތުރަށް ބަލާ ފާސް ކުރެވުނު ކަމަށެވެ.

ކަސްޓަމްސް އިން ބުނީ މި މަހުގެ 18 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިމައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 0.537 ކިލޯ ހުރިއިރު އެ މަސްތުވާތަކެތި ފުލުހުންނަށް ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މިއަހަރުގެ މިހާތަނަށް ކަސްޓަމްސް އިން ވަނީ ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 6.374 ކިލޯގެ މަސްތުވާތަކެއްޗާއި އެއާކާގޯ ޝިޕްމަންޓެއްގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 17 ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިގެންފައެވެ.