އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ގެ މެންބަރު ގައުމަކަށް ދިވެހިރާއްޖެ ވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައި ވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާއަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

އައިޓީއެފްސީ އަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެންބަރު ގައުމުތަކުގެ މެދުގައި ވިޔަފާރި ކުރިއެރުވުމުގެ ތެރެއިން އެ ގައުމުތަކުގެ ރައްޔިތުންގެ އިގްތިސާދީ އިޖްތިމާއީ ހާލަތު ރަނގަޅުކުރުމަށް މަގުފަހިކުރުމަށް އުފައްދާފައިވާ ކޯޕަރޭޝަނެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، އައިޓީއެފްސީގެ މެންބަރު ގައުމަކަށް ރާއްޖެވުމުން ލިބޭނެ ފައިދާތަކުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް އެހީލިބުމާއި، އޯއައިސީގެ މެންބަރު ޤައުމުތަކުގެ މެދުގައި އިންޓްރާ-ޓްރޭޑްގެ ފުރުސަތުތައް ތަނަވަސްވުމާއި، އާންމު އަދި އަމިއްލަ ވިޔަފާރިތަކަށް ޓްރޭޑް ޕޮލިސީތަކާ ބެހޭގޮތުންނާއި ޢަމަލުކުރާ ގޮތްތަކާ ގުޅޭގޮތުން ލަފާ ލިބުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން މެންބަރު ގައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރި މުއާމަލާތްތަކުގައި ލެޓާ އޮފް ކްރެޑިޓް ފޯރުކޮށްދިނުމާއި އާންމު ރޭޓްތަކަށްވުރެ އަގުހެޔޮކޮށް މުދާ އިންޕޯޓްކުރަން މަގުފަހިވުމާއި، އާންމު އަދި އަމިއްލަ ވިޔަފާރިތަކަށް ޢާންމު އަގުތަކަށްވުރެ ހެޔޮ އަގުގައި ފައިނޭންސް ލިބުން ހިމެނޭ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

އައިޓީއެފްސީގެ މެންބަރު ގައުމަކަށް ރާއްޖެ މިހާތަނަށް ވެފައި ނެތްނަމަވެސް 2005 ވަނަ އަހަރުން ފެށިގެން އައިޓީއެފްސީގެ އެހީ ރާއްޖެއަށް ލިބެމުންދެއެވެ. އެގޮތުން ރާއްޖެއަށް ފުރަތަމަ އައިޓީއެފްސީގެ އެހީތެރިކަން ލިބިފައި ވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާ ގުޅިގެން ރާއްޖެއަށް އައިއެސްޑީބީ ގުރޫޕުން ލިބުނު އެހީގެ ގޮތުގައެވެ.

އޭގެ ފަހުން މިއަހަރާ ހަމައަށް 10 ފަހަރެއްގެ މަތިން ޓްރޭޑް ފައިނޭންސިން އެހީ ރާއްޖެއަށް ލިބިފައިވެއެވެ. އެންމެފަހުން އައިޓީއެފްސީގެ އެހީ ރާއްޖެއަށް ލިބިފައި ވަނީ ކޮވިޑް ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު އެސްޓީއޯއަށް ކާބޯތަކެއްޗާއި ސިއްހީ ދާއިރާއަށް ބޭނުންވާ އެކި އާލާތްތައް ގަތުމަށް 15 މިލިއަން ޑޮލަރުގެ ޓްރޭޑް ފެސިލިޓީއަކާއި 2021 ވަނަ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ލިބުނު މާލީ ގެއްލުންތަކުން އަރައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލިބުނު 5 މިލިއަން ޑޮލަރުގެ އެހީއެވެ.