ބޭސް ގުދަން ކުރުމުގައި އެކަށީގެންވާ ފެންވަރަށް އެކަން ނުކުރުމުގެ ސަބަބުން ކޮލިޓީ ވެއްޓިފައިވާ ބޭސް، ސްރީލަންކާގައި އާންމުކޮށް ދޫކޮށްފައި ވާ މައްސަލަ ފެންމަތިވެއްޖެއެވެ.

2011 ވަނަ އަހަރާއި 2020 އަހަރާ ދެމެދު ބޭސް ރައްކާ ކުރަން ޖެހޭ ގޮތަށް އެކަން ނުކުރުމުގެ ސަބަބުން ކޮލިޓީ ވެއްޓުނު ބޭހުގެ އަގު 6529 މިލިއަން ރުޕީޒްއަށް އަރާ ކަމަށާ، އެ ބޭސްތަކުގެ ތެރެއިން 99 ޕަސެންޓް ބޭސް، ޕޭޝަންޓުންނަށް މިހާރު ދީފައި އޮތުމުން، ބަދަލު ހޯދާ ދެވޭނެ ގޮތެއްވެސް ނެތް ކަމަށް، ސްރީލަންކާގެ ކޮމިޓީ އޮން ޕަބްލިކް އެކައުންޓްސް (ކޮޕާ) އިން ވަނީ ހާމަ ކޮށްފައެވެ.

އެހެން ކަމުން ކޮޕާ އިންވަނީ، ކުރިއަށް އޮތް ތަނުގައިވެސް ބޭސް ގުދަންކޮށް ރައްކާ ކުރުމުގެ ކަންކަން އުސޫލުގެ ތެރެއިން ހަމަޖެއްސުމަށް ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ކުރަން ޖެހެނޭ މަސައްކަތްތަކުގެ ދުވެލި ހަލު ކުރުމަށް ސިއްހަތާ ބެހޭ ވުޒާރާއާއި ނިއުޓްރިޝަން އެންޑް އިންޑިޖިނަސް މެޑިސިންއަށް އިރުޝާދު ދީފައެވެ.

މެޑިކަލް ސަޕްލައިޒް ޑިވިޝަނުން ބަލަހައްޓާ ގުދަންތަކުގެ ފިނިހޫނުމިން އެކަށީގެން ގޮތެއްގައި ހިފަހައްޓާފައި ނުވާ ކަމަށާ، ސިއްހީ އާލާތްތައް ރައްކާ ކޮށްފައި ވަނީ، މަރުކަޒީ ބޭސް ގުދަންތަކާއި ހޮސްޕިޓަލުތަކުގެ ކޮރިޑޯތަކުގައި ކަމަށް މައުލޫމާތު ލިބެއެވެ.

2011 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދު ސްރީލަންކާގައި ކޮލިޓީ ވެއްޓިފައި ވާ ބޭސް ދޫކޮށްފައި ވާ މައްސަލަ ފެންމަތިވެފައި މި ވަނީ، އިގުތިސޯދީ އަދި މާލީ ގޮތުން ގައުމު އިނދަޖެހި، ޒަރޫރީ ބޭސްފަރުވާގެ ސާމާނާއި އާލާތްތައް ހޯދުމަށް ގައުމު ނުކުޅެދިފައި ވާ ދަނޑިވަޅެއްގައެވެ. އެކި ގައުމުތަކުން ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދެމުން ދާ އިރު، ޖަޕާނުން ދާދި ފަހުން ވަނީ ސިއްހީ ރޮނގުން އެހީތެރިކަން ފޯރުކޮށްދީފައެވެ.