ކައުންސިލްތަކަށް ބޭނުންވާ މުވައްޒިފުން ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން ދޭންޖެހޭ ހުއްދަ ނުދޭ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އެ ކޮމިޝަނުން މިއަދު ދޮގުކޮށްފިއެވެ.
ސީއެސްސީން ބުނީ ކައުންސިލްތަކުގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިއުލާންކުރުމުގެ ކުރިން ކޮމިޝަނުން އެއްވެސް ހުއްދައެއް ހޯދަން ނުޖެހޭނެކަން ކައުންސިލް އިދާރާތަކަށް އަންގާފައިވާނެ ކަމަށާއި އިދާރީ އޮނިގަނޑުގައިވާ ހުސް މަގާމުތަކަށް ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު މުވައްޒަފުން ހޯދުމަކީ އެ އިދާރާގެ ޒިންމާއެއް ކަމަށެވެ.
ކައުންސިލްތަކުގެ އިދާރީ އޮނިގަނޑުގެ ބޭރުން ވަކި ޕްރޮޖެކްޓަކަށް ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފެއް ނެގުމަށް ކައުންސިލަކުން ބޭނުންވާނަމަ ކަމާ ގުޅޭ މައުލޫމާތު ސީއެސްސީން ފޮނުވުމުން އެ މަގާމުތަކަށް ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ހުއްދަ ދެމުންދާ ކަމަށްވެސް ސީއެސްސީން ބުނެއެވެ.
ސީއެސްސީން ބުނީ ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލާނެ އުސޫލެއް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ ގުޅިގެން އެކުލަވާލައި އާންމުކުރެވިފައިވާނެ ކަމަށާއި އެ އުސޫލުގެ ތެރެއިން ކައުންސިލްތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމަކީ ކައުންސިލް އިދާރާތަކުގެ ޒިންމާއެއް ކަމަށެވެ. އެގޮތުން އޮނިގަނޑު ފާސްނުވިކަމުގައި ވީނަމަވެސް ކައުންސިލް އިދާރާތަކަށް ކޮންމެހެން ބޭނުންވާ ވަޒީފާތަކަށް މީހުން ހޯދުމަށް އެ ކައުންސިލް އިދާރާގެ ބަޖެޓުން ހަރަދު ކުރެވެން ހުރި ނަމަ ކަނޑައަޅާފައިވާ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ހުއްދަދެމުންދާ ކަމަށްވެސް ސީއެސްސީން ވަނީ ބުނެފައެވެ.