ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްކަން ކުރެއްވި މުހައްމަދު ނާސިހު ކޮމިޝަންގެ ނައިބު ރައީސްކަމަށް، އަދި މިހާރު އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ހުންނެވި މުހައްމަދު މުޖުތާޒު އެ ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރަން އެ ދެބޭފުޅުންގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.
އިއްޔެ އެ ދެބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވާފައިވާ އިރު މިއަދު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި ވަނީ އެ ދެ ބޭފުުންގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
ސީއެސްސީގެ މެންބަރުކަމަށް 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު މުޖުތާޒު، މިދިޔަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހު އައްޔަންކުރުމަށް ފަހު އެ ކޮމިޝަންގެ ނައިބު ރައީސް ކަމަށް އޭނާ އައްޔަންކޮށްފައި ވަނީ އެ މަހުގެ 30 ވަނަ ދުވަހުއެވެ.
ސީއެސްސީގެ ރައީސްކަން ކުރެއްވި ނާސިހު އެ ކޮމިޝަނަށް އަލުން އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ މަހުގެ ފަހުކޮޅެވެ. ނާސިހުގެ އިތުރުން އެ ކޮމިޝަނަށް ދެން އައްޔަންކުރީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްގެ އަނބިކަނބަލުން ޑރ. ދީބާ މޫސާ އާއި ސުޕްރިމް ކޯޓުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒެވެ.