މާލޭން ކަރަންޓު ކެނޑުނު މައްސަލައަށް ހައްލެއް ލިބެން އޮތީ އިތުރު ކޭބަލެއް ވަޅުލައިގެން ކަމަށާއި އެ ކަމަށް ދެ ދުވަހެއް ވަރު ނަގާނެ ކަމަށް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ކަރަންޓު ދޭ މައި ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެން ރޭ ފަތިހު މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ގޮސް، މުޅި މާލޭން އެއްކޮށް ކަރަންޓު ކެނޑިފައިވާއިރު، އެ މައްސަލައަށް ވަގުތީ ހައްލެއް ގެނެސް، ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދޭން ފަށާފައިވަނީ މިއަދު ހެނދުނު 9:10 ވީ ފަހުންނެވެ.

ސްޓެލްކޯގެ ހެޑް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، މާލޭގެ 10 ސަރަހައްދަކަށް ކަރަންޓު ދެމުން އައި ކޭބަލް ހަލާކުވުމުގެ ސަބަބުން، މިހާރު ކަރަންޓު ދޫކުރަމުން ދަނީ ހަތަރު އެހެން ފީޑަރެއް މެދުވެރިކޮށް ކަމަށާއި، އެހެންވެ، ބާކީ ފީޑަރުތަކަށް ލޯޑު ބޮޑުވާ ވަގުތުތަކުގައި ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ.

އެއީ އެ މައްސަލައަށް އޮތް ވަގުތީ ހައްލު ކަން ފާހަގަ ކުރައްވައި ޝަރީފް ވަނީ، ދާއިމީ ހައްލަކަށް ދެ ހައްލެއް އެބައޮތް ކަމަށެވެ. އެއީ:

  • އިތުރު ކޭބަލެއް ވަޅުލުން
  • މައްސަލަ ދިމާވެފައިވާ ކޭބަލް މަރާމާތުކުރުން، ނަމަވެސް މި ކަމުގައި ރިސްކު ހުރި ކަމަށް ވިދާޅުވި
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް

އެހެންކަމުން، އިތުރު ކޭބަލެއް ވަޅުލުމުގެ މަސައްކަތް ފެށުމަށްޓަކައި ސިޓީ ކައުންސިލާ އެކު މަޝްވަރާތައް ކުރަމުންދާ ކަމަށާއި، އެ މަސައްކަތަށް ދެ ދުވަސް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ކޭބަލަށް ގެއްލުން ލިބިފައިވަނީ މަގު ކޮނުމުގެ ތެރޭގައި ކަމަށް އެކަށީގެންވެއެވެ. އަދި މިފަދަ މައްސަލަތައް ދިމާވަނީ ކޮންޓްރެކްޓަރުން މަގުތަކުގެ މަސައްކަތް ކުރުމަށްޓަކައި މަގު ކޮންނައިރު ކޭބަލްތަކަށް ގެއްލުން ވުމުން ސްޓެލްކޯއަށް އެންގުމުގެ ބަދަލުގައި ފަސް އަޅައި ފޮރުވާފައި ބަހައްޓާފައި ހުރުމުން، ގިނަ ދުވަސްވުމުގެ ސަބަބުން ގެއްލުންވެފައިވާ ކޭބަލްތަކުގައި މައްސަލަ ޖެހި ކަރަންޓު ސޯޓުވުމުން ކަމަށް އޭނާ ވިދާޅުވެއެވެ.

"އާންމު ގޮތެއްގަ މަގު ކޮންނައިރުގަ ބަލާނުލާ ރައްކާތެރިކަމެއް ނެތި ކޮނުމުގެ ސަބަބުން ބައެއް ފަހަރުގަ އަޅުގަނޑުމެންނަށް ނޭނގި ބައެއް ކޮންޓްރެކްޓަރުން ހުރޭ ކޭބަލަށް ޑެމޭޖުވީމަ ނާންގައި އޭގެ މައްޗަށް ފަސް އަޅާލާފަ ދޫކޮށްލާފަ. އެހެންވުމުގެ ސަބަބުން ފަހަރެއްގަ އެވަގުތު އޭގެ ފޯލްޓެއް ނާތުވެދާނެ. އެހެން ނަމަވެސް ގިނަ ދުވަސްވީމަ ވާރޭ ވެހުނީމަ ނުވަތަ އެކަހަލަ ކޮންމެވެސް ކަހަލަ ދުވަސްތަކެއް ފަހުން އަނެއްކާ އެ ފޯލްޓު ވެލީގެ ތެރެއަށް ސޯޓުވެގެން ގޮސް އަތުވެދާނެ. މިފަހަރުވެސް ލަފާ ކުރެވެނީ އެހެން ކަމަށްވީ.

ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން، މާލޭގެ ބައެއް ސްކޫލްތަކުން ވަނީ ހެނދުނު ދަންފަޅީގެ ކިޔެވުން މެދުކަނޑާލައި، ދަރިވަރުން ގެއަށް ފޮނުވާލައިފައެވެ.

މިއަދު މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައިވަނީ ގިނަ ބަޔަކު އޮފީސްތަކަށާއި ގިނަ ދަރިވަރުން ސްކޫލްތަކަށް ދާން ތައްޔާރު ވަމުން ދިޔަ ދަނޑިވަޅެއްގައެވެ.