ޑިސެންބަރު 8، 2020 ގައި ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށް، ދައުވާކުރަން ފޮނުވި މީހުންގެ ތެރެއިން 2 މީހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފިއެވެ.

ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަހިއްޔުއާއި ރ. އިންގުރައިދޫ، އެލެސްކާ، މުހައްމަދު ވިސާމް އިސްވެހުރެ، "މަސްޖަރީ 2" ނަމަކަށް ކިޔާ ދޯންޏެއްގައި ބަރުދަނުގައި 72 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރި މައްސަލާގައި ހިމެނޭ 10 މީހުންނަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު އޭގެ ތެރެއިން ތިން މީހަކަށް ވަނީ ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ:

  • ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަގިއްޔު (32އ)
  • ރ. އިނގުރައިދޫ / އެލެސްކާ، މުހައްމަދު ވިޝާމް (28 އ)
  • ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަހުމަދު ނަސީރު (38އ)
  • ކ. މާލެ / މއ. ކަނޑޫގެ، އަލީ އަހުމަދު (37އ)
  • ކ. މާލެ / ހ. ގާރޑަންބިޔުޓީ، މުހައްމަދު އަކްރަމް (27އ)
  • ރ. އިނގުރައިދޫ / އެލެސްކާ، އަބްދުﷲ ވިޝާމް (26އ)
  • ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުހައްމަދު ޝަރީފް (34އ)
  • ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ، މުހައްމަދު ފުރުގާން (33އ)
  • ތ. ތިމަރަފުށި / ތަޑިރަތްމާގެ، މުހައްމަދު ވަޖީހު (35އ)
  • ރ. ރަސްގެތީމު / ފީރޯޒްގެ، އަހުމަދު ޝިނާން (30އ)

ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ:

  • ދ. މާއެނބޫދޫ، އަނބުގޮސްދޮށުގެ، އަހުމަދު ނަސީރު
  • ކ. މާލެ، ހ. ގާޑްންބިޔުޓީ، މުހައްމަދު އަކްރަމް
  • ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުހައްމަދު ޝަރީފް

ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި މި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ އެއިން ދެ މީހެއްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއެއް އެއީ މައުލޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ދައުވާތަކެއް ކަމަށް ކަނޑައަޅުއްވާފައެވެ. އެ ދެ މީހުންނަކީ ހ. ގާޑަންބިޔުޓީ، އުމުރުން 27 އަހަރު މުހައްމަދު އަކްރަމް، އާއި ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، އުމުރުން 34 އަހަރު މުހައްމަދު ޝަރީފްއެވެ.

ޕީޖީއިން ބުނީ މުހައްމަދު އަކްރަމްގެ މައްޗަށް ކޮށްފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މުހައްމަދު ޝަރީފްގެ މައްޗަށް ކޮށްފައިވާ ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިފަހުން ކަމަށް ބަޔާންކޮށް އެ ދެ ދައުވާ ބާތިލު ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއި އިރުފާން ތަގިއްޔު މައްޗަށް ކޮށްފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން 45 ހެކި ބަލައި ނުގަތުމަށް ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އިސްތިއުނާފުކުރުމަށްޓަކައި މާދަމާގެ ވަގުތެއްގައި ހައިކޯޓަށް ހުށަހަޅާނެ ކަމަށްވެސް ޕީޖީއިން ވަނީ ބުނެފައެވެ.