ދިވެހި ދައުލަތުން ނަގާ ދަރަންޏާއި، ދައުލަތް ޒިންމާވާގޮތަށް ސަރުކާރުން ދޫކުރާ ގެރެންޓީ ދިނުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ގޮތަށް ބަދަލުކުރުމަށް މާލިއްޔަތު ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފިއެވެ.
މި އިސްލާހު ހުށަހަޅުއްވާފައިވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގުއެވެ.
ތޯރިގު މި އިސްލާހު ހުށަހަޅުއްވާ ސަބަބަކަށް ވިދާޅުވީ، ދުނިޔެއަށް ދިމާވެފައިވާ އިގްތިސާދި ހީނަރުކަމުގެ ސަބަބުން އަވަށްޓެރި ގައުމެއް ބަނގުރޫޓު ވެއްޖެކަން އިއުލާން ކުރުމާއި އަދި މިގޮތަށް ދިމާވާ އިގްތިސާދި ކަންކަމުގެ އަސަރު ޖެހިގެން ހުންނަ ގައުމުތަކުގެ އިގްތިސާދަށް ސީދާގޮތެއްގައި ކުރާކަން ދުނިޔެއަށް ދިމާވެފައިވާ މިފަދަ އިގްތިސާދި ކާރިސާ ތަކުން ފެންނަން އޮންނާތީ ކަމަށް ތޯރިގު ވަނީ ވިދާޅުެފައެވެ.
މީގެ އިތުރުނެ ދައުލަތުން ދަރަންޏަށް ނަގާފައިވާ ފައިސާއާއި، ދައުލަތުން ގެރެންޓީގެ ގޮތުގައި ދޭފައިސާ ނުރަގަޅުގޮތުގައ ހޭދަކުރުމަކީ އެގައުމަށް މުސްތަގްބަލެއްގައި ލިބެން އޮންނަ އާމްދަނީއަށް ވެސް އަސަރުކުރާ، ދަރަނިން ދަރިންނަން ވެސް ރަނގަޅު އަސަރުތައް ފޯރާތީ ކަމަށްވާތީ ހުށަހެޅި އިސްލާހެއް ކަމަށް ތޯރިގު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ދައުލަތުން ނަގާ ދަރަންޏާއި އަދި ސަރުކާރުން ދޭ ގެރެންޓީ ތަކުގެ އެ ދަރަންޏަކުން ނުވަތަ ދޭ ގެރެންޓީ އަކުން ކުރާ ހަރަދުތަކަކީ ކޮންމެހެން ކުރަންޖެހިފައވާ އިންފްރާސްޓްރަކްޗާ ޕޮރޮޖެކްޓްތަކަކަށް، ނުވަތަ އިތުރު އާމްދަނީ އެއް އުފައްދާ ކަމަކަށް ހަރަދުކުރާ ދަރަންޏެއްކަން ޔަގީންކުރުމަކީ ރައްޔިތުންގެ މަޖިލިހުން ކަށަވަރު ކުރަންޖެހޭ ކަމަށް ގަބޫލްކުރެވޭ ކަމަށް ވެސް ތޯރިގު ވަނީ ވިދާޅުވެފައެވެ.
ތޯރިގު ވިދާޅުވީ ދައުލަތުން ދަރަންޏްށް ނަގާ ފައިސާ ނުވަތަ ސަރުކާރުން ދިވެހި ދައުލަތް ޒިންމާވާގޮތަށް ދޫކުރާ ގެރެންޓީ ދޫކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި، ގާނޫނު ނަންބަރު 3/2006 ދައުލަތުގެ މާލިއްއްޔަތު (ގާނޫނު) އަށް އިސްލާހް ގެނައުމަށް ހުށަހަޅާ ކަމަށެވެ.