ޖަރުމަނުވިލާތަށް ރާއްޖޭން ކަނޑައަޅާ ސަފީރު ކަމަށް ގ. ޕެންޒީމާގޭ އައިޝަތު ޝާން ޝާކިރު، ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

އެމަގާމަށް ޝާން އައްޔަނުކުރަން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އެހުމުން، އެވަގުތު ޖަލްސާގައި ތިއްބެވި 32 މެންބަރުންގެ ތެރެއިން 29 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ޝާން ހަމަޖެއްސުމަށް ފާސްކުރި އިރު އެ މަގާމުގައި ކުރިން ހުންނެވީ ހ. ސީވީޑް އަހުމަދު ލަތީފުއެވެ. ލަތީފްގެ ބަދަލުގައި ޝާން ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އެޕްރީލް މަހުގެ ތެރޭފައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަށް ވަނީ ފޮނުއްވަވާފައެވެ.

ޝާން މިވަގުތު ހުންނެވީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައެވެ. ޝާން ވަނީ ބަންގްލަދޭޝް އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

ލަތީފް މިހާރު އަދާކުރައްވަނީ، ފޮރިން ސެކްރެޓަރީގެ މަގާމެވެ.