ކުއްލިއަކަށް ދިމާވި އާތު ފޯލްޓަކާ ހެދި، މާލެ އަށް ކަރަންޓު ފޯރުކޮށްދެމުންދާ ފީޑަރުތައް ނިވުމުގެ ސަބަބުން މާލޭގެ ގިނަ ސަރަހައްދުތަކުން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.

ދެ ފަހަރު މަތިން މާލޭން ކަރަންޓު ކެނޑިފައިވާއިރު، އެންމެ ފުރަތަމަ ކަރަންޓު ކެނޑިފައިވަނީ ފަތިހު 4:30 ހާއިރެވެ. ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކަރަންޓުގެ ހިދުމަތަށް ބުރޫ އަރާފައިވަނީ ދިމާވި އާތު ފޯލްޓުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އޭގެ ފަހުން، ފަތިހު 5:30 ހާއިރު ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ދޭން ފެށި ނަމަވެސް، އޭގެ ފަހުން ވެސް މާލޭގެ ގިނަ ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ވެއެވެ. އެގޮތުން، މިއަދު ދެވަނަ ފަހަރަށް ކަރަންޓު ކެނޑިފައިވަނީ ހެނދުނު 7 ޖަހަން ގާތްވެފައި ވަނިކޮށެވެ.

ސްޓެލްކޯއިން ބުނީ، ފަތިހު ދިމާވި އާތު ފޯލްޓުގެ ސަބަބުން މާލެއަށް ކަރަންޓުގެ ހިދުމަތް ދެމުންދާ 13 ފީޑަރުގެ ތެރެއިން ނުވަ ފީޑަރެއް ނިވުނު ކަމަށެވެ. އޭގެ ތެރެއިން ފީޑަރު 8 ފިޔަވައި ހުރިހާ ފީޑަރެއް އެނާޖައިޒް ކުރެވި، ކަރަންޓު ފޯރުކޮށްދޭން ފަށާފައިވާ ކަމަށާއި، ފީޑަރު 8 އަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭރު ބުނެފައިވެއެވެ.

އެ ކުންފުނިން ބުނިގޮތުގައި، ފީޑަރު 8 ގައި ހިމެނޭ ނުވަ ސަބް ސްޓޭޝަނަކަށް، އެހެން ފީޑަރުތައް ބޭނުންކޮށްގެން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރިއެވެ. ވުމާއެކު ފީޑަރު 8 އަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރެވުނުހާ އަވަހަކަށް މާލޭގެ ހުރިހާ ހިސާބަކަށް ކަރަންޓު ދެވިގެން ދާނެ ކަމަށް އޭރު ބުންޏެވެ.

"އެ މަސައްކަތް ނިމުމާއެކު މާލޭގެ ހުރިހާ ހިސާބަކަށް ކަރަންޓު ދެވިގެންދާނެ. އަދި 8 ވަނަ ފީޑަރަށް ދިމާވެފައިވާ މައްސަލަ ދެނަގަނެވި، އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން." ސްޓެލްކޯއިން ބުންޏެވެ.

މިއަދު ހެނދުނު 9 ގެ ފަހުން ކުރި ޓްވީޓެއްގައި ސްޓެލްކޯ އިން ބުނީ، ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށާއި، ނަމަވެސް ކަސްޓަމްސް ހިމެނޭ ސަރަހައްދުގެ ސަބްސްޓޭޝަންގައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރަމުން ދާތީ އެ ސަރަހައްދުން ކަރަންޓު ގޮސްފައިވާ ކަމަށެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން، މާލޭގެ ބައެއް ސްކޫލްތަކުން ވަނީ ހެނދުނު ދަންފަޅީގެ ކިޔެވުން މެދުކަނޑާލައި، ދަރިވަރުން ގެއަށް ފޮނުވާލައިފައެވެ.

މިއަދު މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައިވަނީ ގިނަ ބަޔަކު އޮފީސްތަކަށާއި ގިނަ ދަރިވަރުން ސްކޫލްތަކަށް ދާން ތައްޔާރު ވަމުން ދިޔަ ދަނޑިވަޅެއްގައެވެ.