ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރަލާއި އިތުރު އެއްޗެހިތަކެއް ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި ނައްތާލީ ތިލަފުށީގައި ހުންނަ ކުނި ނައްތާލާ ސަރަހައްދުގައި ކަމަށެވެ.

ކަސްޓަމްސް އިން ނައްތާލާފައި ވަނީ 50 ފުޅި ބަނގުރަލާއި ބަނގުރާ އެކުލެވޭ ބިޔަރު 13،471 ފުޅި އާއި ބަނގުރާ އެކުލެވޭ 137 ބިޔަރު ދަޅުގެ އިތުރުން ޓޮނިކް 7،424 ފުޅި އެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވައިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑަޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލި ތަކެތި ކަމަށެވެ.

މީގެ އިތުރުން އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސް ގައި ހިފެހައްޓާފައި ހުންނަ ތަކެތި ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ނައްތާލާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.