މި ހިނގާ 2022 ވަނަ އަހަރު މާޗް އަދި އޭޕްރިލް މަހު އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ސަބަބުން، އަވަށްޓެރި އިންޑިއާގައި ގޮދަން ހެއްދުނު މިންވަރު 10 ޕަސެންޓާއި 30 ޕަސެންޓާ ދެމެދު މިންވަރަކަށް ދަށަށް ގޮސްފައި ވާ ކަމަށް ފަހުގެ ރިޕޯޓަކުން ދައްކައިފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައެންސްވެރިން މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ވޯލްޑް ވެދާ އެޓްރިބިއުޝަން (ޑަބްލިއުޑަބްލިއުއޭ)އިން އެކުލަވާލި ރިޕޯޓް ބުނާ ގޮތުގައި، ގަދަ ހޫނުގެ ސަބަބުން ގޮދަން ދަނޑުތަކަށް ވަނީ ގެއްލުން ލިބިފައެއް ނުވަތަ ގޮދަނުގެ ކޮލިޓީއަށް ވަނީ ނޭދެވޭ ބަދަލު އައިސްފައެވެ. އެހެން ކަމުން، ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ގޮދަން ސަޕްލައި އަރާފައިވާ ލޮޅުން ފޫބެއްދުމަށް އިންޑިއާއިން ހިފި އަމާޒު ބަދަލު ކުރަން ޖެހިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
ވާރޭވެހުން ލަސްވުމުގެ ސަބަބުން، މިއަހަރު އާދަޔާ ހިލާފު ގަދަ ހޫނުގެ ދުވަސްތައް ނުވަތަ ހީޓްވޭވްއާ ކުރިމަތިލާން ޖެހުނީ އަވަހަށް ކަމަށް މައުލޫމާތު ލިބެއެވެ.
އޭޕްރިލް މަހު އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ސަބަބުން، އަވަށްޓެރި އިންޑިއާގައި ގޮދަން ހެއްދުނު މިންވަރު 10 ޕަސެންޓާއި 30 ޕަސެންޓާ ދެމެދު މިންވަރަކަށް ދަށަށް ގޮސްފައި ވާ އިރު އެ ދުވަސްވަރަކީ ގޮދަނުގެ ދަނޑުވެރިކަން އެންމެ ތިޔާގިވާ ދުވަސްވަރެވެ. ގޮދަން ދަނޑުބިންތައް މުޅިން ހަލާކުވީ ނޫން ކަމަށާ، ކޮލިޓީ ދަށްވުމުގެ ސަބަބުން "ފުރޭނުމަށް" ދަނޑުވެރިންނަށް މަޖުބޫރުވީ ކަމަށް މައުލޫމާތު ލިބެއެވެ.
ރިޕޯޓްގެ މުސައްނިފެއް ކަމަށް ވާ އަދިތީ ކަޕޫރު ވިދާޅުވީ، އިންޑިއާ ފަދަ ގައުމަކަށް ބަލާއިރު އެ ކަމުގެ ސަބަބުން، ގޮދަނުގެ އަގު އުފުލިގެންދާނެއެވެ. އިންޑިއާ ސަރުކާރުން ގޮދަން އެކްސްޕޯޓް ކުރީ މަޑުޖައްސާލީ އެ ސަބަބާ ހެދި ކަމަށާ، އެ ނިންމުމަކީ އެއްވެސް ސަރުކާރަކަށް މާ ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ގޮދަނުގެ ދަތިކަން ކުރިމަތިވެފައި ވާ މި ދަނޑިވަޅުގައި، ދުނިޔޭގެ ގޮދަން އިންވެންޓަރީތަކުގައި މިވަގުތު ބާކީ ހުރީ އެންމެ 10 ހަފުތާއަށް ބޭނުން ކުރެވޭހާ ގޮދަން ކަމަށް، ކާބޯތަކެތީގެ ސަލާމަތްތެރި ކަމާ ބެހޭ ތަޖުރިބާކާރު، ސޭރާ މެންކާ ވަނީ އދގެ ސަލާމަތީ މަޖިލީހަށް ދަންނަވާފައެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެން، ވަރުގަދަ ފިޔަވަޅުތަކެއް މިހާރުން މިހާރަށް ނާޅައިފިނަމަ އިންސާނިއްޔަތާއި އިގުތިސޯދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމުގެ އިންޒާރު، ސޭރާ މެންކާ ވަނީ ދެއްވާފައެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު 2 ވަނައަށް އެންމެ ފުޅާ ދާއިރާއެއްގައި ގޮދަން ހައްދަނީ އިންޑިއާގައެވެ. ދުނިޔޭގެ ނިސްބަތުން އެންމެ ފުޅާ ދާއިރާއެއްގައި ގޮދަން ހައްދާ ރަޝިއާއާއި ޔޫކްރައިން އޮތީ ނިމޭނެ ކަމުގެ އަލި މަގެއް އަދި ފެންނަން ނެތް ހަނގުރާމައިގެ މައިދާނެއްގައެވެ.