އުރީދޫ މޯލްޑިވްސް އިން މިއަދު ވަނީ ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް ފޯރިއާއެކު ވޯލްޑް ކަޕް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "އުރީދޫ ވޯލްޑް ކަޕް ފޯރި" ކެމްޕެއިން ރަސްމީކޮށް ފަށާފައެވެ.

ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށް ދިޔަ މި ކިކް އޮފް އިވެންޓްގައި ޓީމް އުރީދޫ އާއި ޓީމް ހާޑް ރޮކް ހޮޓެލް ގެ ފަރާތުން ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ.

އުރީދޫއިން ބުނީ އެ ހަފްލާ އިފްތިތާހުކޮށްދެއްވީ ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓްގެ ގެ މިނިސްޓަރު އަހްމަދު މަހުލޫފު ކަމަށެވެ.

އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް ކޮމާޝަލް އޮފިސާ ހާލިދު އަލް ހަމާދީ ވިދާޅުވީ ރަސްމީކޮށް އުރީދޫ ވޯލްޑް ކަޕް ފޯރި ލޯންޗްކުރީ ހާޑް ރޮކް ހޮޓެލް އާ އެކު ކުޅެވުޅު އެކުވެރިކަމުގެ ފުޓްސަލް މެޗަކުން ކަމަށް ވީ ނަމަވެސް މިއީ ހަމައެކަނި ފެށުން ކަމަށެވެ. އަދި ފުޓްބޯޅަ ސީޒަނުގައި ކަސްޓަމަރުންނަށް ވަރަށް ހާއްސަ ފުރުސަތުތަކާއި ހަރަކާތްތައް ރޭވިފައިވާކަން ފާހަގަކުރައްވާ ހާލިދު ވިދާޅުވީ އަމާޒަކީ ވޯލްޑް ކަޕް ގެ ދިވެހި ސަޕޯޓަރުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ކުލަގަދަ، ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުން ކަމަށެވެ.

ހަބޭސް ބޮޑުބެރު އަދި ރާއްޖޭގެ ރެޑްބުލް ފްރީ ސްޓައިލް ޗެމްޕިއަން މުހައްމަދު ސައިފް ޒާހިރުގެ ހާއްސަ ހަރަކާތްތަކާއެކު އެ ހަފްލާ އިތުރަށް ފޯރިގަދަވެގެން ދިޔައެވެ.

އެ ހަފުލާގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ވަނީ ވޯލްޑް ކަޕް ފުޓްބޯޅަ ސީޒަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް ކުލަގަދަ އަދި ފޯރިގަދަ ވަގުތުތަކަކަށް ހެދުމަށް އުރީދޫއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ އޮފިޝަލް މިޑްލް އީސްޓް އެންޑް އެފްރިކާ ޓެލެ ކޮމިއުނިކޭޝަން އޮޕަރޭޓަރުގެ ގޮތުގައި އިއުލާނުކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އުރީދޫ ގްރޫޕުން ފީފާ އަދި ވޯލްޑް ކަޕް 2022 އަށް ދޭ މި ވަރުގަދަ އެއްބާރުލުމާ އެއްގޮތްވާގޮތުގެ މަތިން އުރީދޫއިން ވެސް ރާއްޖޭގައި ތިބި ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަަކަށް ކުލަގަދަ އަދި އުފާވެރި ފުޓުބޯޅަ ފެސްޓިވަލެއް ތަޖުރިބާކުރުމުގެ މަގުފަހިކޮށްދިނުމަށް އުރީދޫއިން ވަނީ މަސައްކަތް ފަށާފައެވެ. ފީފާ ވޯލްޑް ކަޕް ގަތަރު 2022، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ނޮވެމްބަރުން 18 ޑިސެމްބަރާ ދެމެދުއެވެ.