ބައިނަލްއަގުވާމީ ފެންވަރުގައި ގޮދަނުގެ ދަތިކަން ކުރިމަތިވެފައި ވާ މި ދަނޑިވަޅުގައި، ދުނިޔޭގެ ގޮދަން އިންވެންޓަރީތަކުގައި މިވަގުތު ބާކީ ހުރީ އެންމެ 10 ހަފުތާއަށް ބޭނުން ކުރެވޭހާ ގޮދަން ކަމަށް، ކާބޯތަކެތީގެ ސަލާމަތްތެރި ކަމާ ބެހޭ ތަޖުރިބާކާރު، ސޭރާ މެންކާ، އދގެ ސަލާމަތީ މަޖިލީހަށް ދަންނަވައިފިއެވެ.

ހަމަނުޖެހުންތަކާއި ދުނިޔޭގެ ކާބޯތަކެތީގެ ސަލާމަތްތެރި ކަމާ ބެހޭ ގޮތުން ސަލަމަތީ މަޖިލީހުގައި ތަގުރީރު ކުރައްވަމުން ސޭރާ މެންކާ ވިދާޅުވީ، ހާލަތު އޮތީ 2007 އަދި 2008 ގައި ތަޖުރިބާ ކުރަން ޖެހުނު ކަންކަމަށް ވުރެ ގޯސް ފައްތަރެއްގައި ކަމަށެވެ.

އަދުގެ ގޮދަން ސްޓޮކަށް ބަލާއިރު ކުރިމަތިވެފައި ވާ ހީނަރުކަމަކީ ތާރީހު ދުށް އެންމެ ބޮޑު ވެއްޓުން ކަމަށާ، މި ދަނޑިވަޅަކީ ގަހުކާނާ ލިބުމުގައިވެސް އިންތިހާ ދަތިކަން ކުރިމަތިވެފައި ވާ ދަނޑިވަޅެއް ކަން ސޭރާ މެންކާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ގޮދަން ހައްސާ ސަރަހައްދުތަކަށް ކުރިމަތިލާން ޖެހިފައި ވާ މޫސުމީ ހަނަފަސް ކަމަކީ ފާއިތުވީ 20 އަކަށް އަހަރު ދުވަހުގެ ތެރޭގައިވެސް ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ ހަނަފަސްކަން ކަމަށްވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން، ވަރުގަދަ ފިޔަވަޅުތަކެއް މިހާރުން މިހާރަށް ނާޅައިފިނަމަ އިންސާނިއްޔަތާއި އިގުތިސޯދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމުގެ އިންޒާރު، ސޭރާ މެންކާ ވަނީ ދެއްވާފައެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު 2 ވަނައަށް އެންމެ ފުޅާ ދާއިރާއެއްގައި ގޮދަން ހައްދަމުން ދާ އިންޑިއާއިން ވަނީ، ގޮދަން އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ. އިންޑިއާއިން ގޮދަން އެކްސްޕޯޓް ކުރުން މަޑުޖައްސާލީ އެތެރޭގެ ބާޒާރުގައި އަގުތައް ކޮންޓްރޯލް ކުރުމުގެ ނަމުގައެވެ. ދުނިޔޭގެ ނިސްބަތުން އެންމެ ފުޅާ ދާއިރާއެއްގައި ގޮދަން ހައްދާ ރަޝިއާއާއި ޔޫކްރައިން އޮތީ ނިމޭނެ ކަމުގެ އަލި މަގެއް އަދި ފެންނަން ނެތް ހަނގުރާމައިގެ މައިދާނެއްގައެވެ.