ރިސޯޓުތަކުގެ ކުލި ކުޑަކުރުން ކަހަލަ ދައުލަތަށް އާމްދަނީ ދަށްވާ ކަންކަން މި ވަގުތު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ސަރުކާރުގެ ފަރާތުން ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި އެކި ސަރަހައްދުތަކުގައި ހަދާފައިވާ ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރުމަށް ވަނީ ހުށަހަޅާފައެވެ. އެ ބިލާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އިގްތިސާދީ ކޮމިޓީގައި އަލީ ހާޝިމް މިއަދު ވިދާޅުވީ ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ބަދަލުތަކެއް އަންނަމުންދާ އިރު ރާއްޖޭގެ އާމްދަނީ އަށް ހުރަސް އެޅޭ ކަހަލަ ކަންކަން ކުރުން އެއްގޮތަކަށް ވެސް ރަނގަޅު ނޫން ކަމަށެވެ.

ލަންކާއަށް ދިމާވި ހާލަތަށް މިސާލު ދައްކަވައި ހާޝިމް ވަނީ މިފަދަ ބިލަކާއެކު ދައުލަތުގެ އާމްދަނީ އަށް އަތުވެދާނެ ބަދަލުތަކުގެ ތަފްސީލުތައް އެނގޭނެ އެނަލިސިސްއެއް ހެދުން މުހިއްމު ކަމަށް ވިދާޅުވެފައެވެ.

ރިސޯޓު ކުލީގެ ގޮތުގައި މީގެ ކުރިން ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ އަދި ދ. އަތޮޅުން ރިސޯޓުހަދަން 200،000 އަކަ މީޓަރަށްވުރެ ކުދި ބިންތަކުގައި އަކަ މީޓަރަކަށް ނަގަނީ އަށް ޑޮލަރާއި އެއް މިލިއަން ޑޮލަރާއި ދެމެދުގެ އަގުތަކެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ ކުޑަކޮށް ހަ ޑޮލަރާއި 750،000 ޑޮލަރާ ދެމެދު އަގަކަށް ބަދަލުކޮށްފައެވެ.

މީގެއިތުރުން ހަތަރު ލައްކަ އަކަ މީޓަރަށް ވުރެ ކުޑަ ބިންތަކުގައި އަހަރަކަށް 1.5 މިލިއަން ޑޮލަރު ކުރިން ނެގި ނަމަވެސް އެ އަދަދު ވަނީ 1.1 މިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ. އަދި ހަތަރު ލައްކަ ޑޮލަރަށް ވުރެ އަގު ބޮޑެތި ބިންތަކަށް އަހަރަކަށް ދެ މިލިއަން ޑޮލަރު ނެގިއިރު އެ އަދަދު ވަނީ 1.5 މިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ.

ރިސޯޓްތަކުގެ ކުލި ކުޑަކުރަން ހުށަހަޅައިގެން އުޅޭއިރު މިހާރުވެސް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 17 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.