މީހުންނަށް ނޭނގި، ސިޔާސީ ޕާޓީތަކަށް އެ މީހުން ވެއްދުމާއި، މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލު ކުރަމުން ދާތީ ކަންބޮޑުވުން ފާޅުކޮށް މަޖިލިހަށް ވެއްދި މައްސަލަ ބޭރުކޮށްލައިފިއެވެ.

މިއަދުގެ ޖަލްސާގައި އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

އެ މައްސަލައިގައި އާދަމް ޝަރީފް ވިދާޅުވެފައި ވަނީ، ސިޔާސީ ޕާޓީއަށް ވަނުމާއި ވަކިވުމަކީ ގާނޫނުއަސާސީން ކޮންމެ ދިވެއްސަކަށް ލިބިގެންވާ ހައްގެއް ކަމަށްވީ ނަމަވެސް، އާންމުންނަށް ނޭނގި ޕާޓީތަކަށް ވައްދައި، އެހެން ޕާޓީތަކަށް ބަދަލުކުރުން ފަދަ ކަންކަން އިތުރުވެފައިވާ ކަމަށެވެ. އަދި އާންމުންނަށް ނޭނގި ޕާޓީތަކަށް ވެއްދުމާއި ވަކިކުރުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ޕާޓީތަކަށް ލިބިދޭ ބާރުތަކާ ބީރަށްޓެހި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން، އޭނާ ވިދާޅުވީ:

  • އެ ކަންކަމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް އުފެދި، ސިޔާސީ ފިކުރެއްގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެ ހައްގު ގެއްލިގެން ދާނެ ކަމަށް
  • އެ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ކަންކަން ކުރިމަތިވާނެ ކަމަށް
  • ނުހައްގު މާލީ ފައިދާ އާއި ގެއްލުން ޕާޓީތަކަށް ލިބެމުން ދާނެ ކަމަށް
  • މަލްޓި ޕާޓީ ސިސްޓަމަށް އާންމުން ކުރާ އިތުބާރު ކުޑަ ވާނެ ކަމަށް
  • އާންމުންނަށް ސިޔާސީ އަދި އިޖުތިމާއީ ގިނަ މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް

މިއަދު ހުށަހެޅި އެ މައްސަލަ ބަލައިގަތުމާ ދެކޮޅަށް ވޯޓު ދީފައިވަނީ ހާޒިރުވި މެންބަރުންގެ ތެރެއިން 17 މެންބަރުންނެވެ. އެ މައްސަލަ ބަލައިގަތުމާ އެއްކޮޅަށް ވޯޓު ދީފައި ވަނީ 10 މެންބަރުންނެވެ. އެހެންވެ، އެ މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ އެ ޕާޓީގެ ބައެއް މެންބަރުންތަކެއް އެހެން ޕާޓީތަކުގެ ދަފްތަރުގައި ހިމެނިފައިވާ މައްސަލައެއް އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައެވެ. އެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކަށް ވަންނަ އާންމުންގެ މައުލޫމާތު އެ ކޮމިޝަންގެ ވެބްސައިޓުގައި އާންމު ކުރަން ފަށައިފައެވެ.