ގއ. ވިލިނގިލީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި ލޯންޗް އެކްސިޑެންޓްގައި އަނިޔާވެގެން ހާލު ސީރިއަސް ވެ، ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ މިގްސާދު އަބްދުލް މުހުސިންގެ ބޮލުގެ ނާށިގަނޑުގައި ރެނދުލައި ބިންދައިގެން ގޮސް ނޭފަތް ޗިސްވެފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މިގްސާދުގެ އެހީތެރިއެއްގެ ގޮތުގައި ހޮސްޕިޓަލުގައި މިވަަގުތު ހުރި އާއިލާ މީހަކު ބުނީ، މިގްސާދުގެ ހާލު އަދި ރަނގަޅު ނުވާ ކަމަށެވެ. މިހާރު އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށް އޭނާ ބުނެއެވެ.
ލިބިފައި ހުރި އަނިޔާ ތަކުގެ ތަފްސީލް ހާމަ ކުރަމުން އޭނާ ބުނީ، ނިތްކުރިމަތިން ތަންގަނޑެއް ހަލާކުވެފައި ހުރި އިރު އެ ދިމާލުންނާއި ނިތްކުރީގެ ދެފަރާތުން ވެސް ނާށިގަނޑުގައި ރެނދުލާފައި ހުރި ކަމަށެވެ. ހަމައެއާއެކު ލޯ ކައިރިން މަތި އަދި ތިރީ ކަށިގަނޑު ވަނީ ބިންދައިގެން ގޮސްފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެއެވެ.
މީގެ އިތުރުން މިގްސާދުގެ ނޭފަތް ވެސް ހުރީ ޗިސްވެފައި ކަމަށް އޭނާ ބުނެއެވެ. އައިޖީއެމްއެޗަށް ގެނައި އިރުވެސް ނޭފަތުން ލޭ އަންނަ ކަމަށާއި ލޭ މަނާ ނުވެގެން ކުރިން އަޅާފައިވާ ބޭސްގަނޑު ބަދަލުކޮށް އެހެން ބޭހެއް މިހާރު އަޅާފައި ވާ ކަަމަށް އެހީތެރިޔާ ބުނެއެވެ. އަދި ލޭ މަދުވާ ވަރަކުން ލޭ ވެސް އަޅަމުން އަންނަ ކަމަށާއި މިހާރުވެސް މިގްސާދަށް ބޭނުންވާ "އޭ ނެގެޓިވް" ލޭ ހަދިޔާ ކުރަން ސްޓޭންޑް ބައިގައި މީހުން ތިބި ކަމަށް އޭނާ ބުނެއެވެ.
މިގްސާދުގެ ހާލު އަދިވެސް ގޯސް ކަމަށް ބުނަމުން އޭނާ ބުނީ، ބޮލަށް ވެސް ލޭ އެޅިފައި ހުރި ކަަމަށެވެ. އިތުރަށް ހާލު ގޯސް ވާ ނަމަ ނުވަތަ މިއަދު ހަދާ ސީޓީ ސްކޭންގެ ނަތީޖާ އަށް ބެލުމަށް ފަހު މިގްސާދުގެ ހާލަތު ރަނގަޅު ނޫނިއްޔާ އޮޕަރޭޝަނެއް ކުރަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އެހީތެރިޔާ ބުނެއެވެ.
މިދިޔަ ޙޮނިހިރު ޑުވަހުގެ ރޭ 7:15 ހާއިރު މި އެކްސިޑެންޓް ހިނގި އިރު އެ ލޯންޗުގައި ތިބީ ފަސް މީހުންނެވެ. އެ އެކްސިޑެންޓް ހިނގީ މިގްސާދުގެ ދައްތަގެ ކައިވެންޏަށް ތައްޔާރުވުމަށް އޭނާގެ ވާން އޮތް ޅިއަންބެގެ ކޮއްކޮ ހުރި ރިސޯޓުން އޭނާ ގޮވައިގެން ރަށަށް އައި މަގުމަތީގައެވެ. އެ އެކްސިޑެންޓްގައި ލޯންޗުގައި ތިބީ މިގްސާދުގެ ބޭބެ މިސްބާހު އަބްދުލް މުހުސިން އާއި ވާން އޮތް ޅިއަނުގެ ކޮއްކޮ މުހައްމަދު ޝާފިއު އާއި އިތުރު ކޮއްކޮއެއްގެ އިތުރުން މިސްބާހުގެ އެކުވެރިއެއް ކަމަށް ވާ ރިޟްވާނެވެ. މި ހާދިސާގައި ޝާފިއު އާއި މިސްބާހު ވަނީ ލިބުނު ޒަހަމްތަކުން މި ދުނިޔެއާ ވަކިވެފައެވެ.
އެ ހިތާމަވެރި ހާދިސާގައި ދެމީހުން މަރުވި އިރު މިގްސާދުގެ އިތުރުން އެ ލޯންޗުގައި ތިބި އަނެއް ދެ މީހުންނަށް ވެސް ވަނީ އެކިވަރުގެ ބޮޑެތި އަނިޔާތައް ވެފައެވެ. އަދި އެމީހުން ވެސް ވަނީ އިތުރު ފަރުވާއަށް މާލެއަށް ގެނެސްފައެވެ.
މިގްސާދަކީ ކައިވެންޏެއް ކޮށް ދަރިއަކު ވެސް ހުންނަ މީހެކެވެ. ހަމައެއާއެކު މި ހާދިސާގައި މަރުވި އޭނާގެ ބޭބެގެ ދެ އަނބިންނާއި ތިން ދަރިން ތިބެއެވެ.
ކައިވެންނަކަށް ތައްޔާރުވަމުން ދިޔަ އެ އާއިލާއިން ކައިވެނި ހަފްލާ ބާއްވަން ނިންމާފައި އޮތީ އިއްޔެވެ.
މި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވެ ފަރުވާ ހޯދަމުންދާ މިގްސާދުގެ އާއިލާއިން އެދެނީ މިގްސާދަށް ހެޔޮ ދުއާ ކޮށް ދިނުމަށްވެ. 'ދަ ޕްރެސް' ގެ ދުއާއަކީ މާތްﷲ މިގްސާދަށާއި ޒަހަމްވެފައި ތިބި އަނެއް ދެމީހުންނަށްވެސް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެމީހުންގެ އާއިލާތަކަށްށް ކެތްތެރިކަން ދެއްވުމެވެ.
މިގްސާދަކީ ވަރަށް ހިތްވަރުގަދަ ރަނގަޅު ރައްޓެއްސެއް. މި ހަބަރު ލިބުމުން ހިތުގައި ވަރަށް ޖެހުނު. ވަރަސް ދެރަވި. އާއިލާ އަށް ކެތްތެރިކަން ދެއްވުމަށާއި އެކުވެރިޔާއަށް އަވަސް ޝިފާއަކަށް އެދެން. މިގްސާދުގެ ބޭބެގެ ފުރާނައަށް ހެޔޮ ރަހްމަތް ލެއްވުމަށާއި، ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާތޯ ދުއާ ކުރަން. އާމީން
ކޮއްކޮއަށް އަަވަސް ޝިފާއެއް ދެއްވުން އެދެން. މި ވަގުތު ބޭނުންވަނީ ހެޔޮ ދުއާ. ޝަފާކަﷲ. އަދި އެ ލޯންޗުގައި ދަތުރުކުރި މީހުންގެ ތެރެއިން ދެން އަނިޔާވި ދެ މީހުންނަށް ވެސް އަވަސް ޝިފާއަކަށް އެދެން
އިސްހާގަށް ބޭނުންވަނީ އޭ ނެގެޓިވް ލޭ. ބޭސް ގަނޑެއް ނޫން. 2 ގަޑި އިރުން ދެމުން އައި ބޭސް ބަދަލުކޮށް، ކޮންޓިނިއަސް ކޮށް އަވަރލީ ދޭ ބޭހަކަށް ބަދަލުކުރީ.
ޢާއިލާ އަށް ކެއްތެރިކަން ދެއްވާ ނިޔާވެދިޔަ ފަރާތްތަކަށް ސުވަރުގޭގެ ދާއިމި ނިއުމަތް ދެއްވާށި އާމިން. ޢަދި ފަރުވާ ކުރަމުންދާ 3 ކުދިން އަނިޔާއިން މިންޖުކޮށްދެއްވާށި އާމިން