އެތައް އުންމީދުތަކަކާއެކު އެތައް ހުވަފެންތަކެއް ދެކިގެން އައިސް ކައިވެނީގެ މާތް ގުޅުމަކުން ހަޔާތުގެ އާ ސޮފްހާތަކެއް ގުނަން ތައްޔާރަށް ތިބި ދެމީހުންނަށް މިއަދަކީ ހަނދާނުން ފޮހެލަން ދަތީ ދުވަހެކެވެ. ކައިވެނި ކުރަން މެއި 22، 2022 ތާރީހެއްގެ ގޮތުގައި ކަނޑައަޅައިގެން ތިބި އެ ދެ އާއިލާ، އެ ހަފްލާގެ ތައްޔާރީތަކަށް އެއްތަން ވެގެން ތިބި އިރު، ބަނަ ވިލާގަނޑެއްގެ އަނދިރިކަމުގެ ހިޔަންޏެއް އެޅިދާނެ ކަމަކަށް ގަބޫލެއް ނުކުރެއެވެ. މިއީ ރޭ ގއ. ވިލިނގިލި ފަޅުތެރޭ ހިނގި ލޯންޗް އެކްސިޑެންޓާ ގުޅުން ހުރި ވާހަކަތަކެވެ. އެތައް ބައެއްގެ ހިތްތަކާ ކުޅެލައި، ދެ އާއިލާއެއް ފާހަގަ ކުރަމުން ދިޔަ އުފާވެރިކަން ހިތާމައާއި ހިތްދަތިކަމަށް ބަދަލު ކޮށްލި ކުއްލި ހާދިސާއެކެވެ.

މިއަދަކީ ގއ. ވިލިނގިލި އަންހެނަކާއި ނ. ލަންދުއަށް ނިސްބަތްވާ ފިރިހެނަކު ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަހެވެ. އާއިލާ މެންބަރުން އެއްތަން ވުމަށް ކަންކަން ރާވަމުން ދިޔަ އިރު، ނ. ލަންދުއަށް ނިސްބަތްވާ ފިރިހެން މީހާގެ ކޮއްކޮ، މުހައްމަދު ޝާފިއު ބަަލައި އެ ދެ އާއިލާގެ މެންބަރުން ލޯންޗެއްގައި ދިޔައެވެ. ޝާފިއު ބަލައި އިއްޔެ އިރުއިއްސެނިކޮށް ލޯންޗުގައި ދިޔައީ ކައިވެނި ކުރަން އުޅޭ އަންހެން މީހާގެ އެއްބަނޑު އެއްބަފާ ބޭބެ، މިސްބާހް އަބްދުލް މުހްސިން އާއި މިގްސާދު އަބްދުލް މުހުސިން އާއި ކައިވެނި ކުރަން އުޅޭ ފިރިހެން މީހާގެ އެހެން ކޮއްކޮ އެކެވެ. އެމީހުންނާ އެކުގައި މުހްސިންގެ އެކުވެރިއެއް ކަމަށް ވާ ރިޟްވާން ހިމެނޭހެން ޖުމްލަ ހަތަރު މީހުން ދިޔައެވެ.

ޝާފިއު ނަގައިގެން (ދަތުރަށް އެރީމައި) 5 މީހުންނާއެކު އެ ރިސޯޓުން ލޯންޗު ފުރައިގެން އައިސް ވިިނގިލީ ފަޅަށް ވަންނަން އުޅުނު އިރު ރޭގަނޑު 7:15 ހާއިރު ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. ވިލިގިލީ ފަޅުތެރެއަށް އެ ލޯންޗު ވަދެވަދެ ހުއްޓާ ގޮސް ނެރުގައި ޖެހި ވަނީ ތޮށިގަނޑަށް އަރާފައެވެ. އެ އެކްސިޑެންޓްގެ ސަބަބުން ލޯންޗަށް އައި ބާރު ލޮޅުމާއެކު މިސްބާހު ވިއްސައިގެން ގޮސް ކަނޑަށް ވެއްޓި މަރުވި އިރު، ޝާފިއު ވެސް ވަނީ ލިބުނު ޒަހަމްތަކާ އެކު މަރުވެފައެވެ.

މިސްބާހުއާއި ޝާފިއުގެ ޖަނާޒާ އޮތީ މިސްބާހުމެންގެ ގޭގައި!

"އެ އެކްސިޑެންޓްގައި, އަދިވެސް ސީދާ ޔަގީން ކަމާއެކު ބުނާކަށް ނޭނގޭ އެ ދުއްވަން ހުރީ ކާކު ކަމެއް. އެބަ ކިޔާ ހޮސްޕިޓަލުގައި އުޅޭ ކުއްޖެކޭ ވެސް ދުއްވަން ހުރީ. މިސްބާހު ވެސް އުޅޭނީ ހޮސްޕިޓަލުގައި، ދެން އެ ލޯންޗުގައި ދިޔަ މިސްބާހުގެ ރައްޓެއްސެއް ރިޟްވާން. އޭނާވެސް އުޅޭނީ ހޮސްޕިޓަލުގައި"
މިސްބާހުގެ އާއިލާ

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން މި ހާދިސާގައި މަރުވި މިސްބާހުގެ އާއިލާގެ މީހަކު ބުނީ، މިއަދަކީ މިސްބާހު މެން ދިރިއުޅޭ ގޭގައި ކައިވެނި ހަފްލާ ބާއްވަން ހަމަޖެހިފައި އޮތް ދުވަސް ކަމަށެވެ. ނަމަވެސް މިއަދު އެ ކައިވެނި ހަފްލާގެ ބަދަލުގައި އެގޭގައި އޮތީ ކައިވެނި ކުރަން އޮތް ދެމީހުންގެ އާއިލާއިން ވެސް މަރުވި މީހުންގެ ޖަނާޒާ ކަމަށެވެ. އެގޮތުން މިއަދުގެ އަސްރު ނަމާދަށް ފަހު އެގެއިން ނެރުނީ ދެ އާއިލާއިން ވެސް ފުރާނަ ނެތް ހަށިގަނޑެކެވެ.

ދެ ސަންދޯއް ނެރެގެން ދިޔަ އިރު އެ އާއިލާގެ ކޮންމެ މެންބަރެއްގެ ލޮލުން ވެސް ކަރުނަ ނުހިކެއެވެ. އުފާފާޅުކޮށް ކައިވެނީގެ ހަފްލާއެއް ބާއްވަން ތައްޔާރުވެގެން ތިބި ދެ އާއިލާއަށް ވެސް ލިބުނީ އާއިލާ މެންބަރެއް ވަކިވެގެން ދިއުމުގެ ފުން ހިތާމައެވެ.

ގއ. ވިިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ވިދާޅުވީ، ކައުންސިލަށް އެ އެކްސިޑެންޓްގެ މައުލޫމާތު ލިބުނީ އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިޔަ ހިސާބުން ކަމަށެވެ. އެ އެކްސިޑެންޓް ހިނގާ، އިރު ދެ މީހަކު މަރުވި އިރު ދެން ތިބި މީހުންނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައި ކަމަށް ވިޝާލް ވިދާޅުވިއެވެ. އަދި އެ ތިން މީހުން ވެސް އަވަސް ފަރުވާ އަށް މާލެއަށް ފޮނުވާލާފައިވާ ކަމަށާއި މިހާރު އޭގެތެރެއިން އެކަކަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި އައިސީޔޫގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މި ހާދިސާގައި މަރުވި މިސްބާހުގެ ކޮއްކޮ މިގްސާދެވެ.

ވިލިނގިލީގައި އެކްސިޑެންޓްވި ލޯންޗް ފަޅުތެރޭގައި ---

ފަސް މީހުންނަށް ލިބުނު އަނިޔާތައް:

އެމީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް ހިއްސާ ކުރަމުން ވިލިގިލީ ހޮސްޕިޓަލުން ބުނީ، އެ އެކްސިޑެންޓަށް ފަހު ލޯންޗުގައި ތިބި ހަތަރު މީހުން (ރިޟްވާން، ޝާފިއު، ޝާފިއުގެ ކޮއްކޮ، މިގްސާދު) ހޮސްޕިޓަލަށް ގެންދިޔައީ އެރޭ 7:30 އާއި 8 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އެމީހުންގެ ތެރެއިން އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ރިޟްވާނަށް ވަނީ ގިނަ ޒަހަމްތަކެއް ލިބިފައި ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެ ގޮތުން ދުލާއި މޫނު މައްޗާއި، ބޮލާއި، ދަތްޕިލައަށާއި، ކަނާތު ލޮލަށް ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފައެވެ.

ޝާފިއު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށާއި އޭނާގެ ބޯ ފަޅައިގެން ގޮސް ވަރަށް ބައިވަރު ލޭ އޭރު ވެސް ފައިބަމުން ދިޔަ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. ހަމައެއާއެކު ޝާފިއުގެ ކޮއްކޮ ދަތްދޮޅި ދަށާއި، ކަރަށާއި، ބޮލަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި މިގްސާދުގެ ބޮަލަށާއި މޫނު މައްޗަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް ބުނެއެވެ.

"ރިޟްވާންގެ ދޫ ވަރަށް ބޮޑަށް ޒަހަމްވެފައި، މޫނުމަތިވެސް ވަރަށް ބޮޑަށް އަނިޔާވެފައި. ދަތްޕިލައާއި ކަނާތު ލޮލަށް ވެސް ވަރަށް ބޮޑަށް އަނިޔާ ވެފައި، ބޮލަށް ވެސް އަނިޔާވެފައި ހުރީ."
ވިލިނގިލި ހޮސްޕިޓަލް

ލޯންޗު ޖެހުނު ބާރު މިނުގައި ވިއްސައިގެން ދިޔަ މިސްބާހު އެރޭ ހޮސްޕިޓަަށް ގެންދިޔައީ 8:05 ހާ އިރު ކަމަށާއި އޭނާ ގެންދިޔަ އިރު ވަނީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އެ ހޮސްޕިޓަލުގެ މެއިންޓެނަންސް އޮފިސަރުގެ މަގާމުގައި ހުރި މިސްބާހުއަށް ލިބިފައިވާ އަނިޔާތަކަށް ބަލާއިރު، ބޮޑަށް އޭނާއަށް އަނިޔާވެފައި ވަނީ ބޮލަށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. މި ހާދިސާގައި މަރުވި ދެމީހުންގެ ޖަނާޒާގެ ކަންކަން މިއަދު އަސްރު ނަމާދަށް ފަހު ބޭއްވީ އެ މީހުންނަށް ލިބިފައިވާ ޒަހަމްތަކުގެ ސަބަބުން ލޭ މަނާ ނުވާތީ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މި ހާދިސާ ހިނގި ފަހުން ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ލޯންޗު އެކްސިޑެންޓް ވުމާއެކު ރިޟްވާން ވަނީ އެއްގަމުގައި ހުރި މީހަކަށް ގުޅައި އެމީހުންނަށް އެހީވާން އައުމަށް އެދިފައެވެ. އަދި އެ ވަގުތު އެ ފަޅުތެރެއިން ނިކުތް ލޯންޗަކަށް އެހީއަށް އެދި ގޮވުމުން އެމީހުން އަޅާ ނުލައި ދިޔަ ކަަމަށް އެ ނޫސްތަކުން ރިޕޯޓް ކުރެއެވެ. މި ކަމާ ގުޅިގެން ކައުންސިލްގެ ރައީސް ވިދާޅުވީ، އެފަދަ ވާހަކަތަކެއް ދެކެވޭ އަޑު އިވިވަޑައިގެންނެވި ކަމުގައި ވިޔަސް އެކަން ވީ ގޮތް އޮޅުން ނުފިލާތީ ވަކި އެއްޗެއް ދަންނަވަން ދަތި ކަމަށެވެ. އެ ފަދަ ކަންކަމަކީ ފުލުހުން ތަހުގީގު ކޮށް އާންމު ކުރަން ޖެހޭ މައުލޫމާތު ކަމަށް ވިޝާލް ވިދާޅުވިއެވެ.

ވިލިނގިލީ ލޯންޗް އެކްސިޑެންޓް ހާދިސާގައި ލޯންޗް ތޮށިގަނޑަށް އަރާފައި

މި ހާދިސާ އާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި މި މައްސަލަ ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.

މި ހާދިސާ ގައި ވަކި ވެގެން ދިޔަ މިސްބާހުއަކީ ތިން ދަރިންގެ ބައްޕައެވެ. އޭނާގެ ތިބެނީ ތިން ފިރިހެން ކުދިންނެވެ. ދޮށީ އަންބަށް ދެކުދިން އަދި ހަގު އަންބަށް އެއް ކުއްޖެކެވެ. މި ހާދިސާގައި މަރުވި ޝާފިއު އަކީ އަދި ކައިވެންޏެއް ނުކުރާ ޒުވާނެކެވެ. ނަމަވެސް ވެންޓިލޭޓަރުގައި އޮތް މިގްސާދަކީ ކައިވެންޏެއް ކޮށް ދަރިއެއް ވެސް ހުރި ޒުވާނެކެވެ.

"ދަ ޕްރެސް" ފަރާތުން މި ހާދިސާގައި މަރުވި މިސްބާހާއި ޝާފިއުގެ އާއިލާއަށް ތައުޒީޔާ ރައްދު ކުރަމެވެ. އިއްޔެ ދިމާވި އެ ހިތާމަވެރި ހާދިސާގައި މަރުވި އެ ދެމީހުންގެ ފުރާނައަށް މާތް ﷲ ހެޔޮ ރަހްމަތް ލެއްވުމަށާއި، އަދި އާއިލާ އަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ކުރަމެވެ.