މާލެއާއި ރަށްރަށުގައި ހުންނަ ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއް ސާފު ކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

އެ ޕްރޮގްރާމްގެ މި އަހަރުގެ ޝިޔާރަކީ "ރައްކާތެރި މަސައްކަތުގެ މާހައުލެއް – ހިދުމަތް ދިނުމުގެ ރޫހް" އެވެ. މި ޕްރޮގްރާމަކީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފުގެ އިސްނެންގެވުމުގެ ދަށުން މުވައްޒަފުން މަސައްކަތް ކުރާ މާހައުލަކީ ސާފުތާހިރު، ހިތްފަސޭހަ އަދި ރައްކާތެރި މާހައުލަކަށް ހެދުމަށް ހިންގާ ޕްރޮގްރާމެކެވެ. މިއަދު ހިންގި މި ޕްރޮގްރާމްގައި އިންޖީނުގެ ސާފު ކުރުމުގެ މަސައްކަތް އެއްފަހަރާ 35 އިންޖީނު ގެއެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް ވިދާޅުވީ، ތިމާ ދިރިއުޅޭ ތަނާއި އެކު، މަސައްކަތް ކުރާ ތަނެއްގެ ސާފުތާހިރު ކަމާއެކު ތަރުތީބުކަމަށް އިސްކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި މި އަހަރުގެ ބަޔޯޑައިވާސިޓީ ދުވަހާ މިއަދު ދިމާވުމުން، ބަޔޯޑައިވާސިޓީ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ބިލްޑިން ޝެއާޑް ފިއުޗާ ފޯ ލައިފް" ކަމަށްވާ އިރު، އެންމެން އެކުވެގެން ދިރުންތައް ރައްކާތެރި ކުރުމަށް މުސްތަގުބަލަށް ކަންކަން ރޭވުން މުހިންމު ކަމަށް ޝަރީފް ވިދާޅުވިއެވެ.

ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއް ސާފު ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން

މީގެ އިތުރުން އެންމެ މާތް މަހުލޫގުންނަކީ، އިންސާނުންނަށް ވާއިރު ދުނިޔޭގައި ލައްވާފައިވާ ހުރިހާ ދިރުމެއް ވެސް ވަނީ އިންސާނުންނާއި ގުޅިފައި ކަމަށާއި، އެހެން ކަމުން އެ ދިރުންތައް ރައްކާތެރި ކުރުމުގެ މުހިންމު ކަން ފާހަގަކޮށް، އެންމެން މަސައްކަތް ކުރާ މާހައުލަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އަދި ދުވާލުގެ މަސައްކަތުން 8 ގަޑިއިރު ވަޒީފާގައި ހޭދަ ކުރާ އިރު ތަނުގެ ސާފުތާހިރުކަން ދަމަހައްޓަން ތިބީ އެތަނެއްގައި މަސައްކަތް ކުރާ ބައެއް ކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ އެންމެ ބޮޑު އެދުމަކީ އެންމެން އެކުގައި މި މަސައްކަތް ކުރުން ކަމަށެވެ.

ސްޓެލްކޯއިން ބުނީ، އެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އެ ކުންފުނީގެ މުވައްޒަފުންނަށް މަސައްކަތް ކުރާ މާހައުލަކީ ރައްކާތެރި، ސާފުތާހިރު މަސައްކަތުގެ މާހައުލެއް ކަމުގައި ކަށަވަރު ކޮށްދިނުން ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން، ސްޓެލްކޯގެ ހުރިހާ އިންޖީނު ގެއެއްގައި ހުރި އާންމު ކުނިތައް ނައްތާލައި، ބޭނުން ނުހިފޭ ކަރަންޓު ކޭބަލާއި، ދަނގަޑާއި، އެ ނޫން ވެސް ނީލަން ކިޔޭނެ ހާލަތުގައި ހުރި ތަކެތި ދެނަގަނެ، އެ ތަކެތި ނީލަން ކިއުމުގެ ކަންކަން ރޭވުންތެރިކަމާ އެކު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ހިންގާ މިފަދަ ޕްރޮގްރާމްތަކުގެ ދަށުން ކުރާ މަސައްކަތްތަކަކީ އެންމެ ދުވަހަކު ކުރާ މަސައްކަތަކުން ނިމިގެން ދާނެ ކަމެއްގެ ގޮތުގައި ނުބާއްވާ، ހުއްޓާނުލާ ކުރިއަށް ގެންދާ މަސައްކަތަކަށް ހެދުމަށް ވަނީ ނިންމާފައި ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ކުނި އުކާލުމާއި ނައްތާލުމަށް ހާއްސަ ނިޒާމެއް ގާއިމުކޮށް އެ ނިޒާމްގެ ތެރެއިން ކުނި އިތުރުވިޔަ ނުދިނުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ